ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ. ސްޕެއިން ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފަހަތުން އަރާ 2-1 އިން ފްރާންސް ބަލިކޮށްގެންނެވެ.

ޖާމަނީގެ މިއުނިކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނެޓްގައި ޖެހީ ފްރާންސުންނެވެ. ފްރާންސްގެ ކެޕްޓަން ކިލިއަން އަމްބާޕޭ އަރިމަތިން ނަގާ ދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ފްރާންސަށް ލީޑު ނަގާ ދިނީ ކާލޯ މުއާނީއެވެ.

މިއީ ފްރާންސްއިން އޯޕަން ޕްލޭގައި ޖެހި ފުރަތަމަ ލަނޑު/ފޮޓޯ: އެކްސް

ފްރާންސްގެ ލީޑު ފުޅާ ކުރާނެ ފުރުސަތުތައް ލިބުނު ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި ސްޕެއިންގެ ޒުވާން ވިންގަރު ލަމީން ޔަމާލް ޖެހި ހިތްގައިމު ލަނޑާއެކު ސްޕެއިންއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ފްރާންސްގެ އޭރިއާގެ ބޭރުގެ ދެ ކުޅުންތެރިން ކަޓުވާލުމަށް ފަހު 16 އަހަރުގެ ޔަމާލް ފޮނުވާލި ޝޮޓު ވަނީ ފްރާންސްގެ ގޯލުގެ މަތީ ކަނަށެވެ.

ބާސާގެ ލަމީން ޔަމާލް ވާނީ ޔޫރޯ ފައިނަލެއްގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާއަށް/ފޮޓޯ: އެކްސް

މިލަނޑާއެކު ޔަމާލް މިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ލަނޑެއް ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއަށް ވެފައެވެ.

ޔަމާލްގެ ލަނޑު ފްރާންސްގެ ގޯލަށް ވަންނަނީ/ފޮޓޯ: އެކްސް

މިމެޗުގައި ދެން ވެސް ލަނޑު ޖެހީ ސްޕެއިންއިންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ނޮކްއައުޓް ސްޓޭޖްގައި ސްޕެއިންގެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި ޑެނީ އޮލްމޯއެވެ. ކުއާޓާގައި ޖާމަނީ ކޮޅަށް ގޯލެއް ޖަހާ އެސިސްޓެއް ވެސް ހެދި އޮލްމޯގެ މިލަނޑަކީ މިމުބާރާތުގައި އޭނާ ޖެހި 3 ވަނަ ލަނޑެވެ.

އޮލްމޯ ވަނީ މުބާރާތުގައި ޖުމްލަ 3 ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ސްޕެއިން ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ފްރާންސް ޓީމުން ވަނީ ބަދަލުތަކެއް ގެނެސް އިތުރު ހަމަލާތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ފްރާންސަށް މާ ނުރައްކާތެރި ހަމަލާއެއް ނުއުފެއްދުނު އިރު ކެޕްޓަން އެމްބާޕޭއަށް ވެސް ދެވަނަ ހާފްގައި މާމޮޅު ކުޅުމެއް ނުދެއްކުނެވެ.

ސެމީގެ ފުރަތަމަ މެޗު ނިމުނީ 2-1 އިން ސްޕެއިން ކުރީގައި އޮވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްގެންނެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ސްޕެއިން ފައިނަލްގައި ވާދަކުރަން ޖެހޭނީ މާދަން ރޭ އިންގްލޭންޑާ ނެދެލޭންޑްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.