މިދިޔަ މަހު ޖާމަނީގައި ފެށި ޔޫރޯ 2024 ނިމެން ބާކީ ތިން މެޗަށް ވެފައިވާ އިރު މިރޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅޭނެއެވެ. މިމެޗުގައި ވާދަކުރާނީ ކުއާޓާގައި ހޯސްޓް ޖާމަނީ ކަޓުވާލީ ސްޕެއިންއާ ޕޯޗުގަލް އަދި ބެލްޖިއަމް ފަދަ ޓީމުތައް ބަލިކޮށް ސެމީން ޖާގަ ހޯދި ފްރާންސެވެ.
ސެމީގެ ފުރަތަމަ މެޗުގައި މި ވާދަކުރަނީ މުބާރާތުގެ އެންމެ މޮޅު އެޓޭކިންގް ޓީމާ އެންމެ ވަރުގަދަ ޑިފެންސް
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި ސްޕެއިންއިން މިހާތަނަށް ކުޅުނު 5 މެޗު ވެސް އެޓީމުން ކާމިޔާބު ކުރި އިރު އެޓީމުން ވަނީ ޖުމްލަ 11 ގޯލު ޖަހާފައެވެ. މި 11 ލަނޑު ޖަހާފައިވަނީ ތަފާތު 8 ކުޅުންތެރިންނެވެ. މީގެ ތެރޭގައި ފޯވަޑުންނާއި ވިންގަރުންގެ އިތުރުން މިޑްފީލްޑަރުން އަދި ޑިފެންޑަރު ޑެނީ ކެރަވާލް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
ކުޅުނު ކޮންމެ މެޗެއްގައި ވެސް ސްޕެއިންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނާއި މިޑްފީޑަށް ބަދަލުތައް ގެނައި ނަމަވެސް ހަމަލާތައް އުފެއްދުމުގެ ރޭޓަށް ބަދަލު ނާންނަ ކަން ފާހަގަކުރަން ޖެހެއެވެ. ސްޕެއިންގެ ޑިފެންސް ވެސް މިމުބާރާތުގައި ވަރުގަދަކޮށް ފެނުނު އިރު މުޅި މުބާރާތުގައި އެޓީމުގެ ކޮޅަށް ޖެހިފައިވަނީ އެންމެ ދެ ލަނޑެވެ. އޭނގެ ތެރެއިން އެއް ލަނޑަކީ ބައިކޮޅަށް ވަތް ލަނޑެކެވެ.
އެހެން ނަމަވެސް މިރޭގެ މެޗަށް ނިކުންނަ އިރު ފުރަތަމަ 11 ގައި ހިމެނޭ ހަތަރު ޑިފެންޑަރުންގެ ތެރެއިން ދެ ޑިފެންޑަރުން ތިބީ ސަސްޕެންޑްކޮށްފައެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި އަރުވާ ކުޅުންތެރިންނަށް އެފެންވަރަށް ޑިފެންޑް ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ އިރު މިއީ މިރޭ ސްޕެއިންގެ ބަލި ފަޔަށް ވުން އެކަށީގެންވެއެވެ.
ފްރާންސަށް ލަނޑު ނުޖެހޭ މައްސަލަ ބޮޑު
މުޅި މުބާރާތުގައި ކުޅުނު 5 މެޗުގައި އަމިއްލަ އަށް އެންމެ ލަނޑެއް (އެވެސް ޕެނަލްޓީ އެއް ) ޖަހައިގެން ސެމީއަށް ގޮސް ފްރާންސް މިވަނީ އެއްވެސް ޓީމަކުން ބޭނުން ނުވާނެ ފަދަ ރިކޯޑެއް ހަދާފައެވެ. ކުޅުނު 5 މެޗުގައި ޖުމްލަ ތިން ލަނޑު ފްރާންސްއަށް ޖެހުނު ނަމަވެސް އެޓީމުން އޮސްޓްރިއާ އަދި ބެލްޖިއަމް ބަލިކުރި މެޗުތަކުގައި ލަނޑުތައް ވަދެފައިވަނީ އެޓީމުތަކުގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑީ ޝޯމްޕް ބޭނުންވާނީ މިކަން ބަދަލުކުރާށެވެ.
ފްރާންސަށް ލަނޑު ނުޖެހުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ކެޕްޓަން ކިލިއަން އެމްބާޕާ އަށް ލިބުނު އިންޖަރީއެވެ. މިގޮތުން، އޮސްޓްރިއާގެ ކުޅުންތެރިއެއްގެ ކޮނޑުގައި ޖެހި އޭނާގެ ނޭފަތު ކަށިގަނޑު ބިނދުނު އިރު ބާކީ ހުރި މެޗުތަކުގައި އެމްބާޕާ ކުޅެން އެރީ ހާއްސަ މާސްކެއް އަޅައިގެންނެވެ. ކުއާޓާ ފައިނަލްގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމްބާޕާ ބުނީ މާސްކު އަޅައިގެން ކުޅެން ވަރަށް އުނދަގޫ ކަމަށާ އޭނާ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް މާސްކް ބާލަން ކަމަށެވެ.
ލަނޑު ނުޖެހުމުގެ ހަނޑި ރިކޯޑް އޮތް ފްރާންސްއަކީ މި މުބާރާތުގައި ބާކީ އޮތް އެންމެ ޑިފެންސް ރަނގަޅު ޓީމެވެ. ކުޅުނު 5 މެޗުގައި ވެސް އެޓީމުގެ ކޮޅަށް ވަދަވެފައިވަނީ އެންމެ ލަނޑެކެވެ. އެވެސް ޕެނަލްޓީއެކެވެ. އެހެން ކަމުން، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ޓީމާ ފްރާންސް ކުރިމަތިލާނީ އަމިއްލަ ގާބިލިއްޔަތުކަމުގެ މައްޗަށް އިތުބާރު އޮވެގެންނެވެ.
ސްޕެއިންއާ ފްރާންސް ވާދަކުރާ މެޗު އޮންނާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާ އިރެއެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލްގައި ކުޅޭނީ ސެމީގެ ދެވަނަ މެޗުގައި އިންގްލޭންޑާ ނެދެލޭންޑްސްގެ ތެރެއިން މޮޅުވާ ޓީމަކާއެވެ.