ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ކަޓައިފިއެވެ. ބްރެޒިލް ކެޓީ ރޭ ކުއާޓާގެ ހަތަރު ވަނަ މެޗުގައި އުރުގުއޭއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-2 އިން ބަލިވުމުންނެވެ.

ރޭގެ ކުރިން މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެެރެއިން ބްރެޒިލްއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން އެއްވަރުވީ އިރު މުބާރާތުގައި ބްރެޒިލްއަށް އެންމެ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އުރުގުއޭއާ ބްރެޒިލް ކުޅުނު މެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓް ކުޅެ ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. މެޗުގެ 74 ވަނަ މިނެޓްގައި އުރުގުއޭގެ ނާންޑޭޒްއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އުރުގުއޭއިން ހިތްވަރާއެކު ޑިފެންޑް ކުރި އިރު ބްރެޒިލް މާ ގިނަ ހަމަލާތަކެއް ވެސް ނުއުފެއްދެއެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި އުރުގުއޭއިން އެޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރި އިރު ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ އުރުގުއޭގެ ކީޕަރު ސޭވްކުރިއެވެ. އެއަށް ފަހު ދެ ޓީމުން ޖެހި ދެ ޕެނަލްޓީ ވެސް ކާމިޔާބުވި އިރު އުރުގުއޭ އެޓީމުގެ ތިން ވަނަ ޕެނަލްޓީ ވެސް ގޯލަށް ވައްދާލިއެވެ. ބްރެޒިލްގެ ތިން ވަނަ ޕެނަލްޓީ ދަނޑީގައި ޖެހިފައި ނިކުތީ ބޭރަށެވެ. ބްރެޒިލްގެ ކީޕަރު އެލިސަން އުރުގުއޭގެ ހަތަރު ވަނަ ޕެނަލްޓީ ސޭވް ކުރި ނަމަވެސް އުރުގުއޭ ވަނީ ފަސްވަނަ ޕެނަލްޓީ ވެސް ޖަހާ 4-2 އިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްފައެވެ.

އުރުގުއޭގެ ކީޕަރު ވަނީ އެއް ޕެނަލްޓީ ސޭވްކޮށްފައި/ފޮޓޯ: އެކްސް

ސެމީގައި އުރުގުއޭ ވާދަކުރާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

ކޮލަމްބިއާ ސެމީއަށް ދިޔައީ ފަސޭހަ ކަމާއެކު ޕެނަމާ ބަލިކޮށްގެން

ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ކޮލަމްބިއާއާ ޕެނަމާ ވާދަކުރި އިރު މިމެޗު ކޮލަމްބިއާއިން ކާމިޔާބުކުރީ 5-0 އިންނެވެ. މިމެޗުގެ ފުރަތަމަ ހާފްގައި އެކަނި ވެސް ކޮލަމްބިއާއިން ތިން ލަނޑު ޖެހި އިރު ކެޕްޓަން ހަމޭސް ރޮޑްރީގޭޒް ވަނީ އެއް ލަނޑު ޖަހާ އަނެއް ދެލަނޑު އެސިސްޓްކޮށް ދީފައެވެ.

ކޮލަމްބިއާގެ ކެޕްޓަންއަކީ މިމުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ އެއް ކުޅުންތެރިޔާ/ފޮޓޯ: އެކްސް

ދެވަނަ ހާފްގައި ކޮލަމްބިއާއިން އިތުރު ދެ ލަނޑު ޖެހި އިރު މިމަޗަކީ ކުއާޓާގެ ހަތަރު މެޗުގެ ތެރެއިން ޕެނަލްޓީ ޝޫޓް އައުޓަކަށް ނުގޮސް ނިމުނު ހަމައެކަނި މެޗެވެ.