ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ނެދެލޭންޑްސް ކަށަވަރުކޮށްފިއެވެ. ނެދެލޭންޑްސް މުބާރާތުގެ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ތުރުކީއާ ވާދަކޮށް ފަހަތުން އަރާ ދެލަނޑު ޖަހާ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ކޮޅު ނެދެލޭންޑްސްއިން މޮޅަށް ކުޅުނު ނަމަވެސް ހާފްގެ ބޮޑު ބައިގައި ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތައް އުފެއްދީ ތުރުކީންނެވެ. އަދި އެޓީމުން ވަނީ މެޗުގެ 35 ވަނަ މިނެޓްގައި ލީޑު ވެސް ނަގާފައެވެ. މިގޮތުން ރިއާލްގެ ޒުވާން ފޯވަޑް އަރްދާ ގުލާ ނަގާ ދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ ޑިފެންޑަރު އަކައިދިންއެވެ.

ގުލާ މިވަނީ ދެ މެޗުގައި ތިން އެސިސްޓް ހަދާފައި/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ތުރުކީ ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފްގައި ނެދެލޭންޑްސްއިން ވަނީ ޓީމުގެ ފޯމޭޝަން ބަދަލުކޮށް ކުޅުން ވެސް ވަރުގަދަކޮށްފައެވެ. އަދި މި ހާފްގައި ގިނަ ހަމަލާތައް އުފެއްދި އިރު ލިބުނު ކޯނަރަކުން މެޗުގެ 70 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށް ދިނީި ޑިފެންޑަރު ސްޓެފަން ވެން ރައިއެވެ.

މިއީ ނެދެލޭންޑްސްއިން މިމުބާރާތުގައި ފަހަތުން އަރާ މޮޅުވި ދެވަނަ ފަހަރު/ފޮޓޯ: އެކްސް

އޭނގެ 6 މިނެޓް ފަހު ނެދެލޭންޑްސްއިން އަނެއްކާ ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑަކީ ތުރުކީގެ ކުޅުންތެރިންގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ބާކީ އޮތް ވަގުތު ތުރުކީން ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ނެދެލޭންޑްސްގެ ޑިފެންސުން މުހިންމު ބްލޮކްތަކެއް ކުރި އިރު ކީޕަރު ވެން ބްރޫގަން ވަނީ ހުޝިޔާރު ސޭވެއް ވެސް ކޮށްފައެވެ.

މެޗު ނިމުނީ 2-1 އިން ނެދެލޭންޑްސް ކުރީގައި އޮވެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްގެންނެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ނެދެލޭންޑްސް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ސެމީގައި ނެދެލޭންޑްސް ވާދަކުރާނީ އިންގްލޭންޑާއެވެ.