ޔޫރޯ 2024 ޔޫރޯފުޓްބޯޅަ މުބާރާތުގެ ސެމީއަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ. އިންގްލޭންޑް ސެމީ އަށް ދިޔައީ ކުއާޓާގެ ތިން ވަނަ މެޗުގައި ޕެނަލްޓީ ޖަަހައިގެން ސުވިޓްޒަލޭންޑް ބަލިކޮށްގެންނެވެ.
މެޗު ޕެނަލްޓީއަށް ދިޔައީ 90 މިނެޓް ކުޅެ އިތުރު ވަގުތުގެ 30 މިނެޓް ކުޅުމުން ވެސް ދެ މެޗުގެ ސްކޯ 1-1 ގައި އޮތުމުންނެވެ. ފޫހި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެ ޓީމަށް ވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ހާއްސަކޮށް ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށް ވެސް އަނެއް ޓީމުގެ ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާ ނުލެވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގައި ފެނިގެން ދިޔަ އިރު މެޗުގެ ލީޑު ނެގީ ސުވިޓްޒަލޭންޑުންނެވެ. މެޗުގެ 75 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެމްބޯލޯއެވެ.
އެހެން ނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި އިންގްލޭންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކަނާތް ފަރާތު އަރިމަތިން ކުޅޭ ވިންގަރު ބަކާޔޯ ސާކާއެވެ.
މެޗުގެ 90 މިނެޓް ހަމަވުމުން 15 މިނެޓްގެ ދެ ހާފް ކުޅުނު އިރު ލީޑު ނަގާނެ ގިނަ ފުރުސަތު ސުވިޓްޒަލޭންޑަށް ލިބި ބޭކާރު ވެގެން ދިޔައެވެ. މެޗުގެ ނަތީޖާ ނިންމަން ޕެނަލްޓީ ޖަހަން ޖެހުނު އިރު އިންގްލޭންޑުން ވަނީ އެޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް އިންގްލޭންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ސުވިޓްޒަލޭންޑްގެ ފުރަތަމަ ޕެނަލްޓީ ހިފަހައްޓާފައެވެ.
ދެން ދެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުވީ ނަމަވެސް އިންގްލޭންޑު މެޗުން މޮޅުވީ ޕެނަލްޓީ ޝޫޓް އައުޓް 5-3 އިން ކާމިޔާބުކޮށްގެންނެވެ. މިއީ ޕެނަލްޓީ ޝޫޓް އައުޓެއްގައި އިންގްލޭންޑްގެ ފަސް ކުޅުންތެރިން ވެސް ޕެނަލްޓީ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އިންގްލެންޑް ސެމީގައި ކުޅޭނީ މިރޭ ތުރުކީއާ ނެދެލޭންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.