ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ ދެ ޖާގަ ރޭ ސްޕެއިން އަދި ފްރާންސް ކަށަވަރުކުރި އިރު ބާކީ އޮތް ދެ ޖާގަ ހޯދަން މިރޭ ހަތަރު ޓީމެއް ނިކުންނާނެއެވެ.
މިގޮތުން ރޭގަނޑު 9 ޖަހާ އިރު އިންގްލޭންޑް ސުވިޓްޒަލޭންޑާ ކުޅޭ އިރު ދަންވަރު އޮތީ ނެދެލޭންޑްސް އަދި ތުރުކީގެ މެޗެވެ.
އިޓަލީ ކަޓުވާލިހެން ސުވިޓްޒަލޭންޑް އިންގްލޭންޑް ވެސް ކަޓުވާލެވިދާނެ
ޔޫރޯ 2024ގެ އެންމެ ހައިރާން ކުރުވަނިވި ކުޅުމެއް ދެއްކި އެއް ޓީމަކީ ސުވިޓްޒަލޭންޑެވެ. މެޗަކަށް ފަހު މެޗެއްގައި ސުވިޓްޒަލޭންޑްގެ ކުޅުން ރަނގަޅު ވަމުން ގޮސްފައިވާ އިރު ގަދަ 16ގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ މުޅި ދުނިޔެ ސިއްސުވާލާ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މުބާރާތުން ކަޓުވާލާފައެވެ. އެމެޗުގައި ސުވިޓްޒަލޭންޑުން ދެއްކި ވަރުގަދަ ކުޅުމުގެ ސަބަބުން ދެން ވެސް އެޓީމާ ކުރިމަތިލާން ޖެހޭ ޓީމަކަށް މެޗު ކާމިޔާބުކުރަން ފަސޭހަ ނުވާނެ ކަން ސުވިޓްޒަލޭންޑް ވަނީ ދައްކަދީފައެވެ. މުބާރާތުގައި ސުވިޓްޒަލޭންޑުން ކުޅުނު 4 މެޗުގައި އެޓީމުން 7 ލަނޑު ޖަހާފައިވާ އިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ.
ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ސުވިޓްޒަލޭންޑާ ދެކޮޅަށް ނިކުންނަ އިންގްލޭންޑް ޓީމަށް އަދި މިމުބާރާތުގައި އެ ބުނާ މޮޅު ކުޅުމެއް ނުދެއްކޭ އިރު ކުއާޓާއަށް އެޓީމަށް އާދެވުނީ ވެސް ހަމަ ކިރިޔަ ކިރިޔާއެވެ. މިގޮތުން، ސްލޮވޭނިއާގެ އަތުން ބަލިވެ ބަލިވެ އޮއްވާ މެޗުގެ ފަހު މިނެޓްގައި ޖޫޑް ބެލިންގްހަމް ޖެހި ލަނޑަކުން އިންގްލޭންޑް ސަލާމަތްވެ ހެރީ ކޭންގެ ލަނޑުން އެމެޗުން މޮޅުވިއެވެ. އިނގިރޭސި ޓީމުގައި ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާ އަދި ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ އިތުރު ޖަރުމަނު ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހިމެނުނު ނަމަވެސް ޓީމެއްގެ ގޮތުގައި އެންމެ ބަލިކަށި ފޯމުގައި އޮތީ ވެސް އެޓީމެވެ. އަދި މުބާރާތުގައިި އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޑިފެންޑަރު މާކް ގޭ މިމެޗަށް ސަސްޕެންޑްކޮށްފައި ހުރުމުން ޑިފެންސް އިތުރަށް ޕްރެޝަރު އަންނާނެ ކަމަށް ބެލެވެއެވެ.
ދަންވަރު 12 ޖަހާ އިރު ނެދެލޭންޑްސް ނިކުންނާނީ ތުރުކީގެ ހިތްތައް ރޮއްވާލަން
ގަދަ 16 ގެ މެޗުތަކުގެ ތެރެއިން އެންމެ ބަލާ ހިތްވާ ކުޅުމެއް ފެނިގެން ދިޔައީ ނެދެލޭންޑްސް ރޯމޭނިއާ ކުޅުނު މެޗުގައާ ތުރުކީއާ އޮސްޓްރިއާ ކުޅުނު މެޗުގައެވެ. އެމެޗުތައް ކާމިޔާބުކޮށް ދެ ޓީމުން ވެސް ސެމީން ޖާގަ ހޯދުމަށް މިރޭ މަސައްކަތް ކުރާނެ އިރު ދެ ޓީމު ވެސް އޮތީ ފޯމުގައެވެ.
ރޯމޭނިއާ ކޮޅަށް 3 ލަނޑު ޖަހައިގެން ނެދެލޭންޑްސް ކުއާޓާއިން ޖާގަ ހޯދި އިރު އެޓީމަށް މާ ގިނަ ކަންބޮޑުވުންތަކެއް ނެތެވެ. މިގޮތުން، އެއްވެސް ކުޅުންތެރިއަކު އިންޖަރީގައި ނޫނީ ސަސްޕެންޑްކޮށްފައި ނެތް އިރު މިރޭގެ މެޗަށް ވެސް ނިކުންނާނީ ރޯމޭނިއާ ދެކޮޅަށް ނިކުތް ފުރަތަމަ 11 ކަމަށް ބެލެއެވެ. މިރޭ ފޯވަޑް ކޯޑީ ގެކްޕޯގެ ފަރާތުން ގޯލެއް ފެނިއްޖެނަމަ އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރެވުނު ކުޅުންތެރިޔާއަށެވެ.
މިރޭގެ މެޗުގައި ތުރުކީގެ ކެޕްޓަން ހަކާ ޗަނަލޫލޫ އަދި ޑިފެންޑަރު ސަމަތް އަކްޔަދިންގެ ސަސްޕެންޝަން ނިމި ކުޅެން ނިކުމެވޭނެ އިރު މުހިންމު ތިން ކުޅުންތެރިއަކު އަނެއްކާވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެހެން ނަމަވެސް އެކުޅުންތެރިންގެ ބަދަލުގައި ހަމަ އެފަދަ މޮޅު ކުޅުމެއް ދެއްކޭނެ ކުޅުންތެރިން ތުރުކީ ބެންޗުގައި އެބަތިއްބެވެ.