ޕެނަލްޓީ ޖަހައިގެން ވެނެޒުއޭލާ ބަލިކޮށް ކެނެޑާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވި އިރު ކެނެޑާ ވެސް ވެނެޒުއޭލާ ވެސް 1 ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުވުމުންނެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކެނެޑާއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޝަފަލް ބާގްއެވެ. ފުރަތަމަ ހާފް ކެނެޑާ ކުރީގައި އޮވެގެން ނިމުނު އިރު މެޗުގެ 64 ވަނަ މިނެޓްގައި ވެނަޒުއޭލާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ސޮލަމޮން ރޮންޑޮންއެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވުމުން މުބާރާތުގެ ގަވައިދުގެ މަތިން އިތުރު ވަގުތުގެ 30 މިނެޓް ނުކުޅެ ވަނީ ސީދާ ޕެނަލްޓީއަށް ގޮސްފައެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޓީމުން ވެސް ފުރަތަމަ ދެ ޕެނަލްޓީ ޖެހި ނަމަވެސް ދެވަނަ ދެވަނަ ދެ ޕެނަލްޓީ ޖެހީ ބޭރަށެވެ. ހަމަ މިގޮތަށް ތިން ވަނަ ދެ ޕެނަލްޓީ ކާމިޔާބު ކުރި އިރު ހަތަރު ވަނަ ދެ ޕެނަލްޓީ އަނެއްކާވެސް ކާމިޔާބު ނުވިއެވެ. ދެ ޓީމުން ވެސް އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލިއެވެ.
ފަސް ޕެނަލްޓީއަށް ފަހު ސަޑަން ޑެތް (އެއް ޓީމުން ޖަހައިފިނަމަ އަނެއް ޓީމަަށް ޕެނަލްޓީ ނުޖެހިއްޖެނަމަ ޝޫޓް އައުޓް ނިމޭނެ) އަށް ދިއުމުން ވެނަޒުއޭލާގެ ކުޅުންތެރިޔާ ޖެހި ޕެނަލްޓީ ކެނެޑާގެ ކީޕަރު ސޭވްކުރުމުން ކެނާޑާގެ ކޯނޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ކޮޕާ އެމެރިކާގައި އަލަށް ކުޅޭ ކެނެޑާ ސެމީއަށް ގެންގޮސްދީފައެވެ.
ސެމީގައި ކެނެޑާ ކުޅެން ޖެހޭނީ މިހާރުގެ ޗެމްޕިއަން އާޖެންޓީނާއާއެވެ. މިމުބާރާތް ހުޅިވި މެޗުގައި އާޖެންޓީނާއިން ވަނީ 2-0 އިން ކެނެޑާ ބަލިކޮށްފައެވެ.