ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ޕޯޗުގަލްއާ ފްރާންސް ވަދާ ކުރި މެޗު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

ފްރާންސް ސެމީއަށް ދިޔައީ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވި އިރު ދެ ޓީމަށް ލަނޑެއް ނުޖެހި އޮތުމުން އިތުރު 30 މިނެޓް ކުޅެގެން ވެސް ލަނޑެއް ނުޖެހުމުން ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށްގެންނެވެ.

މެޗުގެ 90 މިނެޓްގެ ތެރޭގައި ދެ ޓީމަށް ވެސް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު ފްރާންސުން މުޅި މެޗުގައި 14 ހަމަލާއެއް އުފެއްދިއެވެ. މީގެ ތެރެއިން ޕޯޗުގަލްގެ ގޯލަށް އަމާޒުވެފައިވަނީ 5 ހަމަލާއެވެ. އަދި ޕޯޗުގަލްއަށް ފްރާންސްގެ ގޯލަށް އެންމެ 5 ހަމަލާ އަމާޒުކުރެވުނު އިރު މެޗުގެ ކުރިން ހީކުރި ގޮތާ ހިލާފަށް ދެ ޓީމުގެ އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަށް މިމެޗުގައި މާ މޮޅު ކުޅުމެއް ނުދެއްކުނެވެ.

މިއީ ރޮނާލްޑޯ އަދި ޕެޕޭގެ ވެސް ފަހު ޔޫރޯ/ފޮޓޯ: އެކްސް

މިގޮތުން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބި ބޭނުން ނުހިފި ދިޔަ އިރު ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ވެސް މާ ރީތި ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މުބާރާތުގެ ކުރީކޮޅު ނޭފަތު ކަށިގަނޑު ބިންދައިގެން ދިޔަ އެމްބާޕޭގެ މޫނު މަތީގައި މިމެޗުގައި ބޯޅައިން ޖެހުމުން މެޗު ނިމުމުގެ ކުރިން އޭނާ ވަނީ ބާލާފައެވެ.

90 މިނެޓް ހަމަވެ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފްގައި ވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ދެ ޓީމަށް ނުއުފެއްދުނު އިރު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ. މިދިޔަ ބުރުގައި ސްލޮވޭނިއާ ޕޯޗުގަލް ކުޅުނު މެޗު ވެސް ޕެނަލްޓީއަށް ދިޔަ އިރު އެޝޫޓްއައުޓްގައި ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ ތިން ޕެނަލްޓީ ސޭވްކޮށްފައެވެ.

އެހެން ނަމަވެސް ފްރާންސް ޓީމުން މިރޭ ޖެހި އެއްވެސް ޕެނަލްޓީއެއް ކޮސްޓާއަށް ސޭވް ނުކުރެވުނެވެ. ފްރާންސް އަދި ޕޯޗުގަލްގެ ވެސް ފުރަތަމަ ދެ ޕެނަލްޓީ ޖެހިއެވެ. ނަމަވެސް ވެސް ޕޯޗުގަލްގެ ތިން ވަނަ ޕެނަލްޓީ އަދި ފޯވަޑް ޖާއޯ ފީލިކްސް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިީގައި ޖެހިފައި ނިކުތީ ބޭރަށެވެ.

ފްރާންސްގެ ފަހު ޕެނަލްޓީ ޖެހި ހަނާންޑޭޒް އަދި ކީޕަރު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ދެން ވެސް ފްރާންސްއިން ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރި އިރު ޕޯޗުގަލްގެ މެންޑޭޒް ޖެހި ޕެނަލްޓީ ވެސް ވަނީ ގޯލަށެވެ. އެހެން ނަމަވެސް 3-5 އިން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްގެން ފްރާންސް މިވަނީ މިމުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.

ސެމީގައި ފްރާންސް ވާދަކުރާނީ މިރޭގެ ކުރީ މެޗުގައި ހޯސްޓް ޖާމަނީ ކަޓުވާލި ސްޕެއިންއާއެވެ.