ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ހޯސްޓް ޖާމަނީ ބަލިކޮށް ސްޕެއިން ސެމީއަށް ދަތުރުކޮށްފިއެވެ. ސްޕެއިންއިން ޖާމަނީ ބަލިކުރީ 1-2 އިންނެވެ. މެޗުގެ 90 މިނެޓް ހަމަވި އިރު ދެ ޓީމު އެއް ލަނޑު ޖަހާ އެއްވަރުވެފައި އޮއްވާ ނަތީޖާ ނެރުނީ އިތުރު ވަގުތުގެ 30 މިނެޓް ކުޅެގެންނެވެ. ސްޕެއިން އިން ލަނޑު ޖެހީ އިތުރު ވަގުތުގެ ދެވަނަ ހާފްގައި މެޗު ނިމެން ދެތިން މިނެޓަށްވެފައި ވަނިކޮށެވެ.
މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފް ނިމެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ސްޕެއިންއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ސްޕެއިންގެ ކަނާތް ފަރާތުން ކުޅޭ ޒުވާން ވިންގަރު ލަމީން ޔަމާލް ދިން ޕާހެއް ޖާމަނީގެ ގޯލުގެ ތެރެއަށް ވައްދާލައިގެން ސްޕެއިންއަށް ލީޑު ނަގާ ދިނީ ޑެނީ އޮލްމޯއެވެ.
ދެން މެޗުގައި މުޅިން ހެން ކުޅުނީ ޖާމަނީންނެވެ. އެހެން ނަމަވެސް މެޗުގެ 89 ވަނަ މިނެޓާ ހަމައަށް އެޓީމުގެ އުފެއްދި ހުރިހާ ހަމަލާއެއް ނާކާމިޔާބުވީ އިރު އެޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނީ ފަހު ހާފްގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ފްލޯރިއަން ވިރިޓްޒެވެ.
މެޗުގެ 90 މިނެޓް ހަމަވި އިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން މެޗުގެ ރެފްރީ ވަނީ 15 މިނެޓްގެ ދެ ހާފް ކުޅުވާފައެވެ. މިގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ވެސް ލީޑު ނަގާނެ ފުރުސަތުތައް ދެ ޓީމަށް ލިބުނު ނަމަވެސް ނުރައްކާތެރި ފުރުސަތުތައް ލިބުނީ ޖާމަނީއަށެވެ. އެހެން ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ނުހިފި އިތުރު ވަގުތު ދެވަނަ ހާފްއަށް މެޗު ދިޔައެވެ. ދެވަނަ ހާފްގައި ދެ ޓީމުން ވެސް އިތުރު ހަމަލާތައް މަސައްކަތް ކުރިއެވެ. އަދި މުޅި މެޗުގައި ސްޕެއިންއަށް މޮޅު ކުޅުމެއް ދެއްކި ޑެނީ އޮލްމޯ ނަގާ ދިން ހުރަހެއް ޖާމަނީގެ ގޯލަށް ބޮލުން ޖަހާ ވައްދާލައިގެން އެޓީމު ސެމީއަށް ގެންގޮސްދިނީ ދެވަނަ ހާފްގައި ކުޅެން ނިކުން މިކެލް މަރީނޯއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހާ ދިން ދެވަނަ ލަނޑެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި ސްޕެއިންގެ ޑިފެންޑަރު ޑެނީ ކެރެވަލް އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑެއް ދައްކާފައެވެ. އެހެން ނަމަވެސް ސްޕެއިން ކުރީގައި އޮވެގެން މިމެޗު ނިމުނި އިރު ސްޕެއިން މިވަނީ މުބާރާތުގައި ކުޅުނު 5 މެޗުން ވެސް މޮޅުވެ ސެމީން ޖާގަ ހޯދާފައެވެ.
ސެމީގައި ސްޕެއިން ކުޅެން ޖެހޭނީ ފްރާންސާ ޕޯޗުގަލް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.