ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު މިރޭ ކުޅޭ އިރު މުބާރާތުގައި މިހާތަނަށް އެންމެ ވަރުގަދަ ކުޅުމެއް ދެއްކި ދެ ޓީމުގެ ކުޅުން ވެސް ފެނިގެންދާނެއެވެ.
މި ގޮތުން، ހޯސްޓް ޖާމަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މިހިސާބަށް އައި ސްޕެއިންއާ ވާދަކުރާ އިރު ޕޯޗުގަލް ނިކުންނާނީ ކެހެމުން ކެހެމުން ކުއާޓާއަށް އައި ފްރާންސްއާ ދެކޮޅަށެވެ.
ރޭގަނޑު 9 ޖަހާ އިރު މުބާރާތުގައި މިހާތަނަށް ކުޅޭނެ އެންމެ ވަރުގަދަ މެޗު
މުބާރާތް ބާއްވާ ގައުމު ޖާމަނީއާ ސްޕެއިން އަކީ ޔޫރޯ 2024 ގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވާ ދެ ޓީމެވެ. މުބާރާތުގައި ޖާމަނީން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ޖުމްލަ 10 ގޯލު ޖަހާފައިވާ އިރު އެޓީމުން އެއްވަރުވީ އެންމެ މެޗަކުންނެވެ. އަދި އަނެއް ތިން މެޗުން ވެސް ވީ މޮޅެވެ.
ޒުވާން ފޯވަޑް ޖަމާލް މުސިއާލާގެ ހުނަރު މިރޭގެ މެޗުން ވެސް ފެންނާނެ ކަމަށް ބެލެވޭ އިރު އޭނާ އަކީ މިމުބާރާތުގައި މިހާތަނަށް ތިން ލަނޑު ޖެހި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. މެޗުގެ ކުރިން ޖާމަނީގެ ޑިފެންސަށް ބަލާ އިރު ޖާމަނީގެ ކޮޅަށް މުބާރާތުގައި ޖަހާފައިވަނީ އެންމެ ދެލަނޑެވެ.
ސްޕެއިން އަކީ ޖާމަނީއަށް ފަހު މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމެވެ. އެޓީމުން ޖުމްލަ 9 ލަނޑު ޖެހި އިރު ސްޕެއިންއިން ކުޅުނު 4 މެޗުގައި އެޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އެއީ ވެސް ސްޕެއިންގެ ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ލަނޑެކެވެ. ސްޕެއިންގެ އަރިމަތިން ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ނީކޯ ވިލިއަމްސް އަދި 16 އަހަރުގެ ލަމީން ޔަމާލްގެ ހުނަރު މުބާރާތުގައި ވިދާލާފައިވާ އިރު މެދު ތެރެއިން ބޯޅަ ކޮންޓްރޯލް ކުރާ ރޮޑްރީ އަދި ފަބިއަން ރޫއިޒް ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޔޫރޯ 2024 ގައި ބޮޑެތި ޓީމުތައް ވާދަކުރި މެޗުތަކުގައި މާ މޮޅު ކުޅުމެއް ދެއްކިފައި ނެތް ނަމަވެސް މިރޭގެ މެޗުގައި އަވަސް އަދި އެޓޭކިންގްއަށް އިސްކަންދޭނެ ކުޅުމެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ދަންވަރު 12 ޖަހާ އިރު ރޮނާލްޑޯގެ ޕޯޗުގަލް ނިކުންނާނީ ފްރާންސް ބަލިކުރަން
ޔޫރޯ 2024 ގެ ކުއާޓާއަށް ފްރާންސް އައިސްފައި މިވަނީ އޯޕަން ޕްލޭގައި އެޓީމުގެ އެއްވެސް ކުޅުންތެރިއަކު ލަނޑެއް ނުޖަހައެވެ. މިގޮތުން، ފްރާންސަށް މިހާތަނަށް ޖެހިފައިވާ ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ އެހެން ޓީމުތަކުން ބައިކޮޅަށް ޖެހި ދެ ލަނޑެވެ. އަދި އަނެއް ލަނޑަކީ ޕޮލެންޑް ކޮޅަށް ޖެހި ޕެނަލްޓީއެކެވެ. އޯޕަން ޕްލޭގައި ޖަހާ ލަނޑު ކަމަށް ބަލަނީ ޕާސްކޮށްގެން ކުޅެ ނުވަތަ ހުރަހަކުން ޖަހާ ލަނޑަށެވެ.
ޕޯޗުގަލްއާ ދެކޮޅަށް ފްރާންސް މިރޭ ނިކުންނަ އިރު ތާރީހު ބުރަވަނީ ފްރާންސް ކޮޅަށެވެ. މިގޮތުން މި ދެ ޓީމުން މިހާތަނަށް ވާދަކުރި 28 މެޗުގެ ތެރެއިން 19 މެޗު ކާމިޔާބުކޮށްފައިވަނީ ފްރާންސުންނެވެ. އަދި ޕޯޗުގަލް އަށް ފްރާންސް ބަލިކުރެވިފައިވަނީ އެންމެ 6 ފަހަރެވެ. އެހެން ނަމަވެސް އޭނގެ ތެރެއިން އެއް ފަހަރަކީ 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މެޗުގެ ފައިނަލް މެޗެވެ. އެފަހަރު ޕޯޗުގަލްއިން ތަށި އުފުލާލީ 1-0 ކުރި ހޯދުމަށްފަހުއެވެ.
ޕޯޗުގަލްއިން ކުއާޓާއަށް އައި ދެވަނަ ބުރުގައި ސްލޮވޭނިއާ ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށް ފަހު އެވެ. މެޗުގެ 90 މިނެޓްގެ ކުޅުމަށް ފަހު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފް ކުޅެ ޕެނަލްޓީ ޝޫޓް އައުޓަކުން ޕޯޗުގަލް ކުރި ހޯދި ނަމަވެސް މިފަދަ މެޗެއްގެ ސަބަބުން ކުޅުންތެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ވަރުބަލެއް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޕަންޑިޓުން ލަފާކުރެއެވެ.
މެޗުގެ ކުރިން ދެކެވޭ އަނެއް ވާހަކައަކީ ޕޯޗުގަލްގެ ޓީމު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބައްޓަންވެފައި އޮންނަ ގޮތާ އެކަމުގެ ސަބަބުން ޓީމަށް ލިބޭ ގެއްލުމެވެ. މިހާތަނަށް ޕޯޗުގަލްއިން ކުޅުނު 4 މެޗުގައި ވެސް މައި ފޯވަޑްގެ ގޮތުގައި ރޮނާލްޑޯ ފެނިގެން ދިޔަ އިރު 39 އަހަރުގެ ރޮނާލްޑޯއަށް އަދި މިމުބާރާތުގައި ލަނޑެއް ނުޖެހެއެވެ. ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ރޮނާލްޑޯ ކުރީގައި ހުރި ހަމަލާތައް ނުނިންމޭ ނަމަ ޓީމަށް ޕްރެޝަރު އަންނަ ކަމަށް ޕަންޑިޓުން ބުނާ އިރު ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްއާ ކުޅުންތެރިން ތިބޭ ރޮނާލްޑޯ ބަކީކޮށްލާ ގޮތަކަށް ނޫނެވެ.