ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދަތުރުކޮށްފިއެވެ. އާޖެންޓީނާ ސެމީއަށް ދިޔައީ އެކުއާޑާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށްގެންނެވެ.

މިމެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓް ކުޅުނު އިރު ވެސް ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މިގޮތުން، މެޗުގެ 35 މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ ޑިފެންޑަރު ލިސާންޑްރޯ މާޓީނޭޒްއެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފް އާޖެންޓީނާ ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގެ ވެސް ގިނަ ވަގުތު ލީޑުގައި އޮތީ ވެސް އެޓީމުންނެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އެކުއަޑޯއިން ޖެހީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 5 މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައެވެ.

މިލަނޑު އެޓީމަށް ޖަހާ ދިނީ ކެވިޑް ރޮޑްރީގޭޒްއެވެ. އިތުރު ވަގުތު ހަމަވުމުން މެޗުގެ ނަތީޖާ ނެރުމަށްޓަކައި ދެން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓްއަކަށެވެ. މި މުބާރާތުގެ ގަވައިދުތައް ބުނާ ގޮތުން ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ މެޗުތަކުގެ 90 މިނެޓް ކުޅެ ދެ ޓީމު އެއްވަރުވެފައި އޮތް ނަމަވެސް އިތުރު ވަގުތުގެ 30 މިނެޓް ނުކުޅެ ދާނީ ސިދާ ޕެނަލްޓީއަށެވެ.

އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ ދެ ޕެނަލްޓީ ސޭވްކޮށްފައި/ފޮޓޯ: އެކްސް

އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ޖެހީ ކެޕްޓަން ލައިނަލް މެސީއެވެ. އެހެން ނަމަވެސް މެސީގެ ޕެނަލްޓީ ޖެހުނީ ގޯލުގެ ހުރަސް ދަނޑީގައެވެ. އެކުއަޑޯއިން ފުރަތަމަ ޖެހި ދެ ޕެނަލްޓީ ވެސް އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ސޭވް ކުރި އިރު އާޖެންޓީނާގެ ދެން ބާކީ ހުރި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެޓީމުން ޝޫޓްއައުޓުން މޮޅުވީ 4-2 އިންނެވެ.

ސެމީގައި އާޖެންޓީނާ ކުޅެން ޖެހޭނީ ވެނަޒުއޭލާއާ ކެނެޑާ ކުޅޭ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާއެވެ.