2008 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ތުރުކީ ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ތުރުކީއަށް ޔޫރޯ 2024ގެ ކުއާޓާއިން ޖާގަ ކަށަވަރުވީ ރޭ ގަދަ 16ގެ ފަހު މެޗުގައި 2-1 އިން އޮސްޓްރިއާ ބަލިކުރުމުންނެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ބަލާ ހިތްވާ އަވަސް ކުޅުމެއް ފެނިގެން ދިޔަ އިރު ތުރުކީން ވަނީ މެޗުގެ ފުރަތަމަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިގޮތުން އާރްދާ ގުލާ ފޮނުވާލި ކޯނަރު ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ 59 ވަނަ ސިކުންތުގައި ތުރުކީއަށް ލީޑު ނަގާ ދިނީ ޑިފެންޑަރު ޑެމިރެލްއެވެ. މިއީ ޔޫރޯގެ ނޮކް އައުޓް ސްޓޭޖްގައި ޓީމަކުން އެންމެ އަވަހަށް ޖެހި ލަނޑެވެ.

އެލަނޑަށް ފަހު އޮސްޓްރިއާއިން ނަތީޖާ ހަމަހަމަ ކުރަން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފް ނިމުނީ ތުރުކީގެ ގޯލަށް އެއްވެސް ޝޮޓެއް އަމާޒު ނުކުރެވިއެވެ.

ދެވަނަ ހާފް ފަށައިގެން ދެން ވެސް ލަނޑެއް ޖަހާ ލީޑު ފުޅާ ކުރީ ތުރުކީންނެވެ. މިފަހަރު ވެސް ގުލާ ނަގާ ދިން ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ ޑިމަރެލްއެވެ.

މިމެޗުގައި ލަނޑު ޖަހާ އެސިސްޓް ކުރި ޑެމިރަލް އަދި ގުލާ/ފޮޓޯ: އެކްސް

އެއަށް ފަހު މެޗުގެ 66 ވަނަ މިނެޓްގައި އޮސްޓްރިއާގެ ގްރެގޯރަޓިސިޗް ވަނީ ލަނޑެއް ޖަހާ ސްލޯލައިންގެ ފަރަގު ކުޑަކޮށްފައެވެ. އަދި މެޗު ނިމެން ދަނިކޮށް އޮސްޓްރިއާގެ ކުޅުންތެރިއެއް ގޯލުގެ ކައިރިން ފޮނުވާލި ހެޑާ ތުރުކީގެ ކީޕަރު މާޓް ގުނޯކް ސޭވް ކުރި އިރު މިއީ މިމުބާރާތުގައި ފެނިގެން ދިޔަ އެންމެ މޮޅު އެއް ސޭވެއެވެ.

މެޗު ނިމެން ދަނިކޮށް ތުރުކީގެ ކީޕަރު ކުރި މޮޅު ސޭވް/ފޮޓޯ: އެކްސް

މެޗު ނިމުނީ 2-1 އިން ތުރުކީ ކުރީގައި އޮވެގެންނެވެ. އެޓީމަށް ކުއާޓާއިން ޖާގަ ލިބިފައިވާ އިރު ކުއާޓާގައި އެޓީމު ވާދަކުރަން ޖެހޭނީ ނެދެލޭންޑްސްއާއެވެ.