ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާއަށް ނެދެލޭންޑްސް ދަތުރުކޮށްފިއެވެ. ނެދެލޭންޑްސް ކުއާޓާއިން ޖާގަ ކަށަވަރު ކުރީ ގަދަ 16 ގެ 7 ވަނަ މެޗުަގއި ރޯމޭނިއާ 3-0 އިން ބަލިކޮށްގެންނެވެ.

މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ނެދެލޭންސްގެ ކުޅުންތެރިން މިމެޗުގެ ކުރިން ބުނެފައިވަނީ އެޓީމަށް މުބާރާތް ފެށެނީ އަދި ކިރިޔާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ނެދެލޭންޑްސްއިން ދެއްކި ވަރުގަދަ ކުޅުމުން އެކުޅުންތެރިން ވަނީ މިކަން ސާބިތުކޮށް ދީފައެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ނެދެލޭންޑްސްއިން ކުޅުނު އިރު އެޓީމުން ވަނީ މެޗުގައި ޖުމްލަ 18 ހަމަލާ ރޯމޭނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލައެވެ. މީގެ ތެރެއިން 6 ޝޯޓަކީ ސީދާ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކެވެ.

މި މުބާރާތުގައި ތިން ލަނޑު ޖެހި ކުޅުންތެރިންގެ ތެރެއިން ބާކީ ތިބީ ޖާމަނީގެ މުސިއާލާ އަދި ގެކްޕޯ/ފޮޓޯ: އެކްސް

ނެދެލޭންޑްސްއިން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ވާތު ފަރާތު އަރިމަތިން ކުޅޭ ލިވަޕޫލްގެ ފޯވަޑް ކޯޑީ ގެކްޕޯއެވެ. މިއީ ގެކްޕޯ މިމުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގައި ވެސް ގެކްޕޯ ވަނީ ނެދެލޭންޑްސްއަށް ތިން ލަނޑު ޖަހާ ދީފައެވެ.

ރޯމޭނިއާގެ ޓީމުން ވަނީ ގޯލަށް ވަންނަން ދިޔަ އެތަށް ޝޮޓެއް ބްލޮކްކޮށްފައި/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފްގައި ލީޑު އިތުރަށް ފުޅާ ކުރާނެ ގިނަ ފުރުސަތުތައް ނެދެލޭންޑްސްއަށް ލިބުނު ނަމަވެސް ރޯމޭނިއާއިން ވަނީ ހިތްވަރާއެކު ޑިފެންޑްކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ނެދެލޭންޑްސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ލީޑު ފުޅާކޮށް ދިން ލަނޑު އެޓީމަށް ޖަހާ ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް މޭލަންއެވެ. މިލަނޑު ޖެހުނީ ގެކްޕޯގެ ހިތްގައިމު އެސިސްޓަކާއެކުއެވެ.

ނެދެލޭންޑްސްގެ 18 ނަމްބަރު މެލަން ވަނީ މިމެޗުގައި ދެ ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

މިމެޗުގައި މޭލަން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގެ 93 ވަނަ މިނެޓްގައި ޖެހި މިލަނޑާއެކު ކުއާޓާއިން ޖާގަ ނެދެލޭންޑްސްއަށް ކަށަވަރުވިއެވެ. ކުއާޓާގައި ނެދެލޭންޑްސްއިން ކުޅެން ޖެހޭނީ މިރޭ އޮސްޓްރިއާއާ ތުރުކީއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.