ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާގައި ވާދަކުރާނެ 8 ޓީމުގެ ތެރެއިން 6 ޓީމު މިހާރު ކަނޑައެޅިފައިވާ އިރު ބާކީއިން ދެ ޓީމު ވެސް މިއަދު އެނގިގެންދާނެއެވެ. މިގޮތުން، މިރޭ ނުވައެއް ޖަހާ އިރު ނެދެލޭންޑްސްއާ ރޯމޭނިއާ ވާދަކުރާ އިރު 12 ޖަހާ އިރު ކުޅޭނީ ތުރުކީއާ އޮސްޓްރިއާއެވެ.

ނެދެލޭންޑްސްގެ މުބާރާތް ފަށާނީ މިރޭ

މުބާރާތުގެ ގްރޫޕް ޑީގައި އޮތް ނެދެލޭންޑްސް ދެވަނަ ބުރަށް އައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މަޗުން އެއްވަރުވެ އަނެއް މެޗުން ބަލިވެގެންނެވެ. އެޓީމަށް ޖުމްލަ ހަތަރު ގޯލު ޖެހިފައިވީ ނަމަވެސް ނެދެލޭންޑްސްއަށް މުބާރާތުގައި އެންމެ ފުރިހަމަ ކުޅުން ދެއްކިފައި ނުވާ ކަން އެޓީމުން ވެސް ގަބޫލުކުރާނެއެވެ. އެޓީމު ދެވަނަ ބުރަށް އައި ވެސް އެންމެ މޮޅު ތިން ވަނަ ޓީމެއްގެ ގޮތުގައެވެ.

ގެކްޕޯ މިވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

މިރޭ ރޯމޭނިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ނެދެލޭންޑްސްގެ ތަޖުރިބާކާރުގެ ފޯވަޑް މެމްފިސް ޑިޕޭ ބުނީ ނެދެލޭންޑްސްގެ މުބާރާތް ފަށަނީ އަދި މިރޭ ކަމަށެވެ. ޑިޕޭ ބުނީ މިހާތަނަށް ޓީމަށް ހެދިފައިވާ މިސްޓޭކްތަކުން ފިލާވަޅު ލިބިގެން ކުރިއަށްދާން ޖެހޭ ކަމަށާ ޓީމުން ބޭނުންވާ ނަތީޖާތައް ނުނެރެވޭތީ ޓީމުގެ ތެރޭގައި ނުތަނަވަސްކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ޓީމުން ދެން ބަލާނީ އާ ހިތްވަރަކާއެކު ކުޅެ މުބާރާތުގައި ކުރިއަށް ދިއުމަށް ކަމަށްވެސް ޑިޕޭ ބުންޏެވެ.

މިއީ ރޯމޭނިއާގެ ތާރީހުގައި ވެސް މުބާރާތުގެ ދެވަނަ ބުރަށް އެގައުމުން ދިޔަ ދެވަނަ ފަހަރު/ފޮޓޯ: އެކްސް

ނެދެލޭންޑްސްއާ ދެކޮޅަށް ނިކުންނަ ރޯމޭނިއާ ދެވަނަ ބުރަށް އައި ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިއީ 2000 ވަނަ އަަހަރުގެ ފަހުން ބައިނަލްއަޤްވާމީ މުބާރާތެއްގެ ދެވަނަ ބުރަށް ރޯމޭނިއާ ދިޔަ ފުރަތަމަ ފަހަރެވެ. ރޯމޭނިއާގެ ކޯޗު އެޑްވާޑް ލޯޑެންސްކޫ ބުނީ މިރޭގެ މެޗުގައި ވާނެ ގޮތެއް ނޭނގޭ ކަމަށާ އެހެން ނަމަވެސް އޭނާގެ ޓީމުން ބޭނުންވަނީ މުބާރާތުގައި ދެވޭނެ އެންމެ ދުރަށް ދާން ކަމަށެވެ. އަދި ރޯމޭނިއާ އަކީ ކުޅެން ފަސޭހަ ޓީމަކަށް ނުވާނެ ކަމަށާ ދަނޑުމަތީގައި އޭނާގެ ޓީމުން ކަށިން ހިތްވަރު ނެރެގެން ކުޅޭނެ ކަމަށެވެ.

މި ދެޓީމު ކުޅޭ މެޗު އޮންނާނީ މިރޭ 9 ޖަހާ އިރެވެ.

އޮސްޓްރިއާގެ މަޅީގައި ތުރުކީ ޖެހިދާނެތަ؟

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި އޮސްޓްރިއާ މިވަނީ ދެން ކުޅުނު ދެމެޗުން ވެސް މޮޅުވެ މުބާރާތުގައި އެންމެ އިމްޕްރޫވީ ޓީމުގެ ގޮތުގައި ފާހަގަވެފައެވެ. ފްރާންސާ ނެދެލޭންޑްސްއާ އެއްކޮށް އެއް ގްރޫޕެއްގައި އޮތް އޮސްޓްރިއާ ދެވަނަ ބުރަށް އައި އެގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިރޭ ގަދަ 16 ގައި އެޓީމުން ވާދަކުރަން ޖެހޭ ތުރުކީ އަކީ މީގެ ކުރިން އޮސްޓްރިއާއިން ކުޅުނު ޓީމުތަކާ ތަފާތު ކުޅުމެއް ދައްކާނެ ޓީމަކަށްވާނެއެވެ. އެހެން ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރަލްފް ރެގްނިކްގެ ބެލުމުގެ ދަށުން ކުޅޭ އޮސްޓްރިއާއަކީ އެންމެ ރާވާލައިގެން، އެންމެ ރަނގަޅަށް އެތުރިލައިގެން ކުޅޭ އެއް ޓީމެވެ.

އޮސްޓްރިއާގެ ތިން ވަނަ ލަނޑު ޖެހި ކެޕްޓަން ސާބިޓްޒާ/ފޮޓޯ: އެކްސް

ތުރުކީ ގަދަ 16 އަށް އައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެގެން ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މުބާރާތުގައި ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ ނަމަވެސް ބައެއް ފަހަރު ތުރުކީގެ ކުޅުންތެރިން މާގިނައިން ފައުލް ކުރާ މަންޒަރު ވެސް ފެނެއެވެ. އޮސްޓްރިއާއާ ދެކޮޅަށް ނިކުންނަ އިރު މި މައްސަލަ އޮތީ ތުރުކީއަށް ބޮޑުވެފައެވެ.

ތުރުކީގެ ކެޕްޓަން ޗަނަލޫލޫ ވަނީ މިރޭގެ މެޗަށް ސަސްޕެންޑްކޮށްފައި/ފޮޓޯ: އެކްސް

މިގޮތުން، އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑުތަކުގެ ސަބަބުން ތުރުކީގެ މުހިންމު ދެ ކުޅުންތެރިން މިމެޗަށް ސަސްޕެންޑްކޮށްފައިވާ އިރު މީގެ ތެރޭގައި ތަޖުރިބާކާރު ކެޕްޓަން ހަކާން ޗަނަލޫލޫވެސް ހިމެނެއެވެ.