މިހާރު ޖާމަނީގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ޔޫރޯކަން އޭނާ އިއުލާނުކޮށްފިއެވެ.
ރޭ މުބާރާތުގެ ގަދަ 16 ގެ 6 ވަނަ މެޗުގައި ޕެނަލްޓީ ޝޫޓް އައުޓަކުން ސްލޮވޭނިއާ ބަލިކޮށް ޕޯޗުގަލް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އުމުރުން 39 އަހަރުގެ ރޮނާލްޑޯ ބުނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ އޭނާގެ އެންމެ ފަހު ޔޫރޯ ޗެމްޕިއަންޝިޕް ކަމަށާ އެކަމާ މާ އިމޯޝަނަލް ވާން އޭނާ ބޭނުން ނުވާ ކަމަށެވެ. ރޮނާލްޑޯ ބުނީ ފުޓްބޯޅަ އާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް އޭނާއަށް އިމޯޝަނަލް ވެވޭ ކަމަށާ އެއީ އެކުޅިވަރަށް ހުންނަ ލޮތްބެއްގެ ސަބަބުން ކަމަށެވެ.
ކުއާޓާގައި ޕޯޗުގަލް ފްރާންސާ ދެކޮޅަށް ނިކުންނަ އިރު ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާ ޓީމަށްޓަކައި އޭނާއަށް ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށެވެ.
ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ޝޫޓް އައުޓްގައި ޕޯޗުގަލްއިން ޖެހި ފުރަތަމަ ޕެނަލްޓީ ޖަހަން ރޮނާލްޑޯ ބޭނުންވީ މެޗުގެ ނޯމަލް ޓައިމްގައި ލިބުނު ޕެނަލްޓީ އޭނާއަށް ނުޖެހުމުން ކަމަށެވެ. ރޮނާލްޑޯ ބުނީ މިފަދަ ވަގުތުތަކުގައި ޒިންމާ ނަގަން ޖެހޭ ކަމަށާ އޭނާއަކީ އެއްވެސް އިރެއްގައި އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހިލުންވީ މީހެއް ނޫން ކަމަށެވެ.
މެޗުގެ 90 މިނެޓް ހަމަވީ އިރު ވެސް ސްކޯ 0-0 ގައި އޮތުމުން އިތުރު ވަގުތުގެ 30 މިނެޓް ވެސް ކުޅުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ޕޯޗުގަލްއަށް ޕެނަލްޓީއެއް ލިބުނު އިރު ރޮނާލްޑޯގެ އެޕެނަލްޓީ ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލަކް ވަނީ ހުށިޝާރު ކަމާއެކު ސޭވްކޮށްފައެވެ.
އިތުރު ވަގުތުގެ 30 މިނެޓްގެ ކުޅުން ހަމަވުމުން ވެސް ނަތީޖާ 0-0 ގައި އޮތުމުން ޕެނަލްޓީ ޝޫޓް އައުޓްއަކަށް ދިޔަ އިރު ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ޖަހަން ހުއްޓުނީ އަނެއްކާވެސް ރޮނާލްޑޯއެވެ. އަދި މިފަހަރުގެ ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ސަޕޯޓަރުންގެ ކައިރިން މާފަށް އެދޭ ފަދަ ގޮތަކަށް އިޝާރަތްކޮށްފައެވެ.
ރޭގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ ސްލޮވޭނިއާގެ ހުރިހާ ޕެނަލްޓީއެއް ސޭވްކޮށް ރިކޯޑެއް ވެސް ހަދާފައެވެ. ރޮނާލްޑޯގެ އިތުރުން ޝޫޓްއައުޓްގައި ޕޯޗުގަލްގެ ޕެނަލްޓީތައް ކާމިޔާބުކުރީ ބްރޫނޯ ފަނާންޑޭޒް އަދި ބަނާޑޯ ސިލްވާއެވެ.
ރޮނާލްޑޯ ބުނީ ޓީމަށް ލިބުނު ކާމިޔާބީއާ މެދު އުފާ ކުރާ ކަމަށާ އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ ނުޖެހުމުން ހިތާމަކުރާ ކަމަށެވެ. އަދި އެންމެ ވަރުގަދަ މީހުންނަށް ވެސް އުދަނގޫ ދުވަސްތައް އަންނާނެ ކަމަށާ ހިތާމައިގެ ފެށުން އުފަލާއެކު ނިމުމަކީ ފުޓްބޯޅައިގެން ހަގީގަތް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.