ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތް ހޯސްޓް ކުރާ އެމެރިކާ އެމުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ. އެމެރިކާ މުބާރާތުން ކެޓީ ރޭ އުރުގުއޭއާ އެކު ކުޅުނު މެޗުން 0-1 އިން ބަލިވުމުންނެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުން ބަލިވި އެމެރިކާ ރޭގެ މެޗަށް ނިކުތީ އެމެޗުން މޮޅުވެ ގްރޫޕްގެ އަނެއް މެޗުގައި ބޮލީވިއާ އަތުން ޕެނަމަާ ބަލިވާނެ ކަމުގެ އުއްމީދުގައެވެ.

އެހެން ނަމަވެސް މެޗުގައި ގިނަ ހަމަލާތައް އުފައްދާ އެމެރިކާގެ ގޯލަށް ޝޮޓްތައް ފޮނުވަމުން ދިޔައީ އުރުގުއޭއިންނެވެ. މިގޮތުން އެޓީމުން 10 ޝޮޓް ގޯލަށް ފޮނުވާލި އިރު އޭނގެ ތެރެއިން 4 ޝޮޓަކީ އެމެރިކާގެ ގޯލަށް ސީދާ އަމާޒުވި ޝޮޓްތަކެވެ. ބަދަލުގައި އެމެރިކާއަށް މުޅި މެޗުގައި ވެސް ފޮނުވާލެވުނީ އެންމެ 4 ޝޮޓެވެ.

އުރުގުއޭގެ ލަނޑު ޖަހާ ދިން އޮލިވޭރާ/ފޮޓޯ: އެކްސް

އެހެން ނަމަވެސް މެޗުގައި ފެނުނު ހަމައެކަނި ލަނޑު އުރުގުއޭއިން ޖެހީ މެޗުގެ ދެވަނަ ހާފްގައެވެ. މިގޮތުން، މެޗުގެ 66 ވަނަ މިނެޓްގައި އެޓީމުން ޖެހި މިލަނޑު ކާމިޔާބުކޮށް ދިނީ އޮލިވޭރާއެވެ. އެމެރިކާއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް މެޗު ނިމުނީ 0-1 އިން އުރުގުއޭ މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްގެންނެވެ.

ޕެނެމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މި ގްރޫޕްގެ އަނެއް މެޗުގައި ޕެނަމާއިން ވަނީ 1-3 އިން ބޮލީވިއާ ބަލިކޮށް މުބާރާތުގެ ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައެވެ.