ހުޅުމާލެއާއި މާލެ ޑިޖިޓަލް ކޮށް ގުޅުވާލަދޭ މުޅިން އާ ހައި ކެޕޭސިޓީ ފައިބާ އޮޕްޓިކް ނެޓްވޯކް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމްކޮށްފިއެވެ.

މީގެ ކުރިން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައި އެ ނެޓްވޯކު ގާއިމްކޮށްފައިވީ ނަމަވެސް، މިއީ އެޗްޑީސީން މާލެއާއި ހުޅުމާލެއާ ދެމެދު މި ހިދުމަތް ގުޅާލާ ފުރަތަމަ ފަހަރެވެ.

އެގޮތުން، މި ނެޓްވޯކުގެ ތެރެއިން އެޗްޑީސީއިން ލީސް ލައިން އާއި ޑާކް ފައިބާގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވިޔަފާރިތަކަށް މިހާރު ހުޅުވާލާފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަ ކުރެއެވެ. މިއީ ވިޔަފާރިތަކަށް އެކަށީގެންވާ ކުޑަ އަގެއްގައި ދޫކުރާ ހިދުމަތްތަކެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. އެހެންކަމުން، މި ނެޓްވޯކް މާލެއާއި ހުޅުމާލެއާއި ދެމެދު ގުޅުވާލެވުމާއެކު، ވިޔަފާރިތައް ބާރުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

މި ނެޓްވޯކް ގާއިމްވުމާއެކު، ޑާކް ފައިބާ ކަނެކްޓިވިޓީ ހިދުމަތަށް ފުރަތަމަ ސޮއިކުރި ކަސްޓަމަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކަމަށާއި އެމްއައިބީއާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ މި ހިދުމަތަށް އެދޭ ވިޔަފާރިތަކަށް އެންމެ އަވަސް ސްޕީޑުގައި ކަނެކްޝަން ގުޅައިދެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އެޗްޑީސީގެ ޓީމުގެ ފަރާތުން 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ތެރެއިން، ކޮންމެ ކަސްޓަމަރަކަށް ވެސް އެއް މަސް ދުވަހުގެ ފްރީ ޓްރަޔަލް ޕީރިއަޑެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް އަތްފޯރާ ފަށުގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އިތުރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.