ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޕެނަލްޓީ ޝޫޓް އައުޓްގައި ސްލޮވޭނިއާއިން ޖެހި ހުރިހާ ޕެނަލްޓީއެއް ސޭވްކޮށް ޕޯޗުގަލްގެ ކީޕަރު ޑިއާގޯ ކޮސްޓާ އޭނާގެ ޓީމު މުބާރާތުގެ ކުއާޓާއަށް ގެންގޮސް ދީފިއެވެ.

ވާދަވެރި ކުުޅުމެއް ފެނިގެން ދިޔަ ގަދަ 16 ގެ މިމެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓް ކުޅެ އިތުރު ވަގުތުގެ ގޮތުގައި 30 މިނެޓް ކުޅުމުން ވެސް ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

މެޗުގެ ފުރަތަމަ މިނެޓްއިން ފެށިގެން ޕޯޗުގަލްއިން ހުއްޓާ ނުލާ ސްލޮވޭނިއާގެ ގޯލަށް ހަމަލާތައް ފޮނުވަމުން ދިޔަ އިރު މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސްލޮވޭނިއާއިން ދެއްކީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. މެޗުގެ 90 މިނެޓްގައި ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު އިރު ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލެކް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އަދި މެޗުގެ 90 މިނެޓް 0-0 އިން ނިމުނު އިރު އިތުރު ވަގުތުގެ 30 މިނެޓްގައި ވެސް މޮޅަށް ކުޅުނީ ޕޯޗުގަލުންނެވެ.

އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޕޯޗުގަލްއަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. މިގޮތުން، ޕޯޗުގަލްގެ ބަދަލުކުޅުންތެރިޔާ ޑިއޭގޯ ޖޮޓާ ސްލޮވޭނިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަތްތަނުން އޭނާއަށް ކުރި ފައުލަކަށް މެޗުގެ ރެފްރީ ޕޯޗުގަލް އަށް ޕެނަލްޓީއެއް ދިނެވެ.

ސްލޮވޭނިއާގެ ކީޕަރު އޮބްލަކް މެޗުގައި ރޮނާލްޑޯގެ ޕެނަލްޓީ ސޭވްކުރުމަށް ފަހު/ފޮޓޯ: އެކްސް

މި ޕެނަލްޓީ ނަގަން ހުއްޓުނީ ރޮނާލްޑޯއެވެ. މިމުބާރާތުގައި ރޮނާލްޑޯ އަދި ލަނޑެއް ނުޖެހި ނަމަވެސް މި ޕެނަލްޓީ ކާމިޔާބުކޮށް ޕޯޗުގަލް ކުއާޓާއަށް ގެންދާނީ ރޮނާލްޑޯ ކަމަށް ހީކުރެވުނެވެ. އެހެން ނަމަވެސް ރޮލާންޑޯ ޖެހި ޕެނަލްޓީ އޮބްލެކް ސޭވް ކުރި އިރު ގެއްލުނު ފުރުސަތުގެ ސަބަބުން ރޮވިފައި ހުރި ރޮނާލްޑޯއަށް އޭނާގެ ޓީމު މޭޓުން ހިތްވަރުދޭ މަންޒަރު ވެސް ފެނިގެން ދިޔައެވެ.

އިތުރު ވަގުތު ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ނުޖެހުމުން ރޮނާލްޑޯ ރޮނީ/ފޮޓޯ: އެކްސް

އިތުރު ވަގުތުގެ ފަހު ހާފްގައި ސްލޮވޭނިއާއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ޕޯޗުގަލްގެ އުމުރުން 41 އަހަރުގެ ޑިފެންޑަރު ޕެޕޭގެ އަތުން ހެދުނު މިސްޓޭކަކުން ސްލޮވޭނިއާގެ ފޯވަޑް ބެންޖަމިން ޝެޝްކޯއަށް މުޅިން ހުސްކޮށް ލިބުނު ޗާންސް ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ސޭވްކޮށް ޕޯޗުގަލް ސަލާމަތްކޮށްދިނެވެ.

ދެން އެއަށް ފަހު ފެނިގެން ދިޔަ މުބާރާތުގެ ފުރަތަމަ ޕެނަލްޓީ ޝޫޓް އައުޓްގައި ވެސް ޕޯޗުގަލްގެ ހީރޯއަކަށް ވީ ކޮސްޓާއެވެ. މިގޮތުން ސްލޮވޭނިއާގެ ކުޅުންތެރިން ފޮނުވާލި ތިން ޕެނަލްޓީ ވެސް ކޮސްޓާ ސޭވް ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނު ކޮސްޓާއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އެއް މެޗުގައި ތިން ޕެނަލްޓީ ސޭވް ކުރި ިފުރަތަމަ ކުޅުންތެރިޔާއެވެ.

ކޮސްޓާ ސްލޮވޭނިއާގެ ފުރަތަމަ ޕެނަލްޓީ ސޭވް ކުރަނީ/ފޮޓޯ: އެކްސް

ޝޫޓް އައުޓްގައި ޕޯޗުގަލް އިން ޕެނަލްޓީ ޖެހި ތިން ކުޅުންތެރިންގެ ޕެނަލްޓީވެސް ކާމިޔާބުކުރި އިރު ޝޫޓް އައުޓް ނިމުނީ 3-0 އިން ޕޯޗުގަލް މޮޅުވެގެންނެވެ.

މިމޮޅާއެކު ޕޯޗުގަލް މިވަނީ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައެވެ. ކުއާޓާގައި އެޓީމު ވާދަކުރާނީ މިރޭ 1-0 އިން ބެލްޖިއަމް ބަލިކުރި ފްރާންސާއެވެ.