ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި މިރޭ ފްރާންސާއި ބެލްޖިއަމް ވާދަކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެން ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރީ ފްރާންސުންނެވެ. އެހެން ނަމަވެސް އެޓީމުން ޖުމްލަ 18 ޝޮޓް ބެލްޖިއަމްގެ ގޯލަށް އަމާޒުކުރި އިރު އޭނގެ ތެރެއިން ސީދާ ގޯލަށް ނުރައްކާ ކުރީ އެންމެ ދެ ޝޮޓެވެ.

ބަދަލުގައި ބެލްޖިއަމް އަށް މުޅި މެޗުގައި ވެސް ހެދުނީ އެންމެ ދެ ޝޮޓެވެ.

ދެވަނަ ހާފްގައި ވެސް ދެ ޓީމަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި އިރު މެޗުގެ ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނެޓްގައެވެ. ބެލްޖިއަމްގެ އޭރިއާ ތެރެއިން ފްރާންސްގެ ބަދަލު ކުޅުންތެރިޔާ ކާލޯ މުއާނީއަށް ލިބުނު ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލި އިރު އެ ޝޮޓް ގޯލަށް ވަނީ ބެލްޖިއަމް ތަޖުރިބާކާރު ޑިފެންޑަރު ޔާން ވެޓޯގަންގެ ފައިގައި ޖެހިފައެވެ. އަދި މިލަނޑަކީ ވެޓޯގަން ބައިކޮޅަށް ޖެހި ލަނޑެއް ކަމަށް މެޗުގެ އޮފިޝަލުން ނިންމި އިރު މިއީ މުބާރާތުގައި ކުޅުންތެރިއަކު ބައިކޮޅަށް ޖެހި 9 ވަނަ ލަނޑެވެ.

ފްރާންސްގެ މުއާނީ އަދި ކުނެޑޭ/ފޮޓޯ: އެކްސް

މެޗުގެ ބާކީ އޮތް ވަގުތު ބެލްޖިއަމްއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރި ނަމަވެސް މިމެޗު ނިމުނީ 1-0 އިން ފްރާންސް މޮޅުވެ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިގެންނެވެ.

ކުއާޓާގައި ފްރާންސް ކުޅެން ޖެހޭނީ މިރޭ ޕޯޗުގަލްއާ ސްލޮވޭނިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.