ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާގެ ދެ މެޗެއްގައި ވާދަކުރާ ހަތަރު ޓީމު މިހާރު އެނގޭ އިރު ބަކީ ދެ މެޗުގައި ވާދަ ކުރާނެ ހަތަރު ޓީމު މި ދެދުވަހުން ކަނޑައެޅިގެންދާނެއެވެ.
މި ގޮތުން މިރޭ ވެސް ދެ މެޗު ކުޅޭ އިރު ފުރަތަމަ ވާދަކުރާނީ ފްރާންސްއާ ބެލްޖިއަމް އަދި 12 ޖަހާ އިރު ކުޅޭނީ ޕޯޗުގަލް އާ ސްލޮވޭނިއާއެވެ.
ފްރާންސްއާ ބެލްޖިއަމް އަކީ މިމުބާރާތުގައި އެންމެ މަދުން ސްކޯ ކުރި ޓީމުތަކުގެ ތެރެއިން ދެ ޓީމު
މިރޭ ނުވައެއް ޖަހާ އިރު ފްރާންސްއާ ބެލްޖިއަމް ނިކުންނާނީ މިހާތަނަށް މުބާރާތުގައި ދެ ޓީމަށް ވެސް ދެއްކުނު ކުޅުމަށް ވުރެ ފުރިހަމަ ކުޅުމެއް ދެއްކުމުގެ އުއްމީދުގައެވެ.
ފްރާންސް ދެވަނަ ބުރަށް އައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެގެން ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ތިން މެޗުގައި ވެސް ފްރާންސް ޓީމަށް ޖެހުނީ އެންމެ ދެލަނޑެވެ. މީގެ ތެރެއިން އެއް ލަނޑަކީ ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އަނެއް ގޯލަކީ ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ.
މިރޭގެ މެޗުގައި ފްރާންސުން މި ސްޓެޓިސްޓިކް ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ އިރު އެޓީމަކީ މިމުބާރާތުގެ އެންމެ ރަނގަޅު ޑިފެންސް ވެސް އޮތް އެއް ޓީމެވެ. މިގޮތުން، އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އެއީ ވެސް ޕެނަލްޓީއެކެވެ.
މިރޭ ފްރާންސާ ކުޅޭ ބެލްޖިއަމް އަކީ ވެސް މިމުބާރާތުގައި މާ ގިނައިން ލަނޑު ޖެހިފައިވާ ޓީމެއް ނޫނެނެވެ. މިގޮތުން، ކުޅުނު ތިން މެޗުގައި އެޓީމަށް ވެސް ދެލަނޑު ޖެހިފައިވާ އިރު އެޓީމުގެ ފޯވަޑް ރޮމަލޫ ލުކާކޫ އަކީ އެންމެ ގިނަ ހުސް ފުރުސަތު ލިބި އެ ފުރުސަތުތައް ކާމިޔާބު ނުކުރެވޭ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. ކެވިން ޑްބްރައިނާ، ޖެރަމީ ޑޯކޫ، ލިއަންޑްރޯ ޓްރޮސާޑްގެ އިތުރުން ޔޯހަން ބަކަޔާކޯ ފަދަ ހުނަރުވެރި ކުޅުންތެރިން އުފައްދާ ނުރައްކާތެރި ހަމަލާތައް އިތުބާރާއެކު ނިންމާލާނެ ކުޅުންތެރިއެއް ނެތުމަކީ ބެލްޖިއަމްގެ އެންމެ ބޮޑު ބަލިފައެވެ.
މިހާތަނަށް ގަދަ 16 ގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު 90 މިނެޓްގެ ތެރޭގައި ވަކި ޓީމެއް މޮޅުވެ ނިމުނު އިރު ރޭ އިންގްލޭންޑާ ސްލޮވާކިއާ ކުޅުނު މެޗުގެ 90 މިނެޓް ހަމަވީ އިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ވަނީ އިތުރު 30 މިނެޓް ކުޅެފައެވެ. އިތުރު 30 މިނެޓްގެ ތެރޭގައި އިންގްލޭންޑުން ލަނޑެއް ޖަހާ ސްލޮވާކިއާއަށް ލަނޑެއް ނުޖެހުމުން ޕެނަލްޓީއަށް ނުގޮސް އެމެޗު ނިމުނީއެވެ.
މުބާރާތުގައި ޕެނަލްޓީ ޝޫޓް އައުޓަކާ ހަމައަށްދާނެ ފުރަތަމަ މެޗަށް މިރޭ ބެލްޖިއަމް އާ ފްރާންސް ކުޅޭ މެޗު ވެދާއެނެވެ.
ޕޯޗުގްލަ ނިކުންނާނީ ސްލޮވޭނިއާއާ ދެކޮޅަށް
މިރޭ 12 ޖަހާ އިރު ޕޯޗުގަލް ސްލޮވޭނިއާއާ ކުޅޭ އިރު މިއީ އެއްވެސް ހާލެއްގައި ފަސޭހަ ވާނެ މެޗެއް ކަމަށް ޕޯޗުގަލް އިން ނުދެކެއެވެ. ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް ކުއާޓާއަށް އައި މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. ފަހު މެޗުގައި ޖޯޖިއާ އަތުން ބަލިވި އިރު އެމެޗަށް ޓީމުގެ ކޯޗު ގިނަ ބަދަލުތަކެއް ގެނައެވެ. މިރޭގެ މެޗަށް ފުލް 11 އަރުވާނެ ކަމަށް ބެލެވޭ އިރު ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް ފެނިގެންދާނެއެވެ.
ސްލޮވޭނިއާ މުބާރާތުގެ މިހިސާބަށް އައި އެއްވެސް މެޗަކުން މޮޅުވެސް ބަލިވެސް ނުވެއެވެ. މިގޮތުން ގްރޫޕް ސީގައި އެޓީމުން ކުޅުނު ތިން މެޗުން ވެސް އެއްވަރުވީ އިރު ޑެންމާކް އަދި އިންގްލޭންޑް ކައިރީގައި ވެސް އެޓީމު ވީ އެއްވަރެވެ. ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާ ސްލޮވޭނިއާއިން މިރޭގެ މެޗަށް ނިކުންނާނީ ޕޯޗުގަލް ވަރުބަލިކޮށް ކައުންޓާގައި ހަމަލާތައް އުފެއްދުމުގެ ވިސްނުމުގައެވެ.