ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖުތަކެއް ދައުރުވާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީގެ ނަމުގައި އޯޓީޕީ މެސެޖުތަކެއް ފޮނުވަމުންދާކަމަށް އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެއީ އެ ކޯޕަރޭޝަނުން ފޮނުވާ މެސެޖުތަކެއް ނޫން ކަމަށެވެ.

އެޗްޑީސީ އިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް ދައުރުވާ މެސެޖުތަކާމެދު ކަސްޓަމަރުން ސަމާލު ވާނެ ޖެހޭ ކަމަށާއި، އެޗްޑީސީ އިން އެއްވެސް ފަރާތަކަށް އެ ފަދަ މެސެޖު ނުކުރާނެ ކަމަށެވެ. މީގެއިތުރުން އެޗްޑީސީގެ ޕޭމެންޓު ރިސިޕްޓުތަކަށް ރޭ ދިމާވި މައްސަލަވެސް އެޗްޑީސީ އިން މިހާރު ހައްލުކޮށްފައި ވާ ކަމަށް ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން ދާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި އެޗްޑީސީގެ ޑޭޓާބޭސް ބަޔަކު ހެކުކޮށް އޯޓީޕީ ހޯދުމަށް ބައެއް މީހުންނަށް މެސެޖު ކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައެވެ.

އެޗްޑީސީގެ ޑޭޓާބޭސް ހެކުކޮށް މީހުންނަށް މެސެޖު ކުރަމުންދާ މައްސަލައެއް ފެންމަތި ވެފައިވާއިރު، މީގެ ކުރިން އެޗްޑީސީގެ ނަމުގައި ތަފާތު އެކި ނަންބަރުތަކުން މީހުންނަށް މެސެޖުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ފެންތިވެފައިވެއެވެ.

ފުލުހުންގެ އިތުރުން ކަމާ ބެހޭ މުއައްސަސާތަކުން ދަނީ ފޯނަށް އަންނަ އޯޓީޕީ ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އަބަދުމެ އިލްތިމާސްކުރަމުންނެވެ.