ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫބީގައި ރޭ މެކްސިކޯއާ އެކުއަޑޯ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެކުއަޑޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމެޗުން އެއްވަރުވުމުން މެކްސިކޯ މުބާރާތުން ކަޓާފައިވާ އިރު ރޭގެ މެޗުގައި ގިނަ އިރު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދީ ވެސް މެކްސިކޯއިންނެވެ. މިގޮތުން، ޖުމްލަ 10 ޝޮޓެއް އެކުއަޑޯގެ ގޯލަށް އަމާޒުކޮށް މެކްސިކޯއިން ފޮނުވާލި އިރު މީގެ ތެރެއިން 3 ޝޮޓެއް ވަނީ ގޯލަށް ނުރައްކާކޮށްފައެވެ.

އެކުއަޑޯގެ ކީޕަރު މުހިންމު ސޭވްތަކެއް ކުރި އިރު މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ މެކްސިކޯއަށް ޕެނަލްޓީއެއް ވެސް ދީފައެވެ. އެކުއަޑޯގެ ފީލިކްސް ޓޮރޭޒް މެކްސިކޯގެ މާޓިނޭޒްއަށް ކުރި ފައުލަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިނިންމުން މުރާޖާކުރުމަށް ރެފްރީއަށް އިރުޝާދު ދީފައެވެ. އަދި ރެފްރީ ފައުލު އަލުން ބަލާ ނިންމީ ޓޮރޭޒް ކުރި ފައުލު ގޯސް ނޫން ކަމަށެވެ.

0-0 ގެ ސްކޯލައިނަކުން މެޗު ނިމުނު އިރު މިމެޗު އެއްވަރުމުން ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބުނެވެ. އަދި ދެ ޓީމަށް ވެސް ޖުމްލަ 4 ޕޮއިންޓް ހަމަވި އިރު އެކުއަޑޯ ކުއާޓާއަށް ދިޔައީ ޖެހި ގޯލުގެ ތަފާތުންނެވެ.

ކުއާޓާގައި އެކުއަޑޯ ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އަދި ޑިފެންޑިންގް ޗެމްޕިއަން އާޖެންޓީނާއާއެވެ.

ވެނުޒެއޭލާއިން އަދި މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވޭ/ފޮޓޯ: އެކްސް

ރޭ މިގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ޖެމައިކާ ކޮޅަށް 3 ލަނޑު ޖަހާ ވެނަޒުއޭލާ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރުކޮށްފައެވެ. ކުއާޓާގައި އެޓީމުން ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމު ކެނެޑާއާއެވެ.