ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ހަތަރު ވަނަ މެޗުގައި ޖޯޖިއާއާ ސްޕެއިން މިރޭ ވާދަކުރި އިރު 1-4 އިން އެމެޗު ކާމިޔާބުކޮށް ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ހިނގައްޖެއެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދެވަނަ ބުރަށް އައި ސްޕެއިން މިރޭގެ މެޗުގެ ފެށީ ވަރުގަދަކޮށެވެ. މިގޮތުން ޖޯޖިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރި ނަމަވެސް މެޗުގެ ކުޅުމުގެ އޮއިވަރާ ހިލާފަށް ލީޑު ނެގީ ޖޯޖިއާއިންނެވެ.
ޖޯޖިއާގެ ކަނާތް ފަރާތު އަރިމަތިން ސްޕެއިންގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަތް ބޯޅަ ގޯލުގެ ތެރެއަށް ވަނީ ސްޕެއިންގެ ޑިފެންޑަރެއް ކަމަށްވާ ރޮބިން ލެ ނޯމާންޑްގެ ގައިގައި ޖެހިފައެވެ. މިއީ މުބާރާތުގައި ސްޕެއިންގެ ކޮޅަށް ވަތް ފުރަތަމަ ގޯލަށް ވީ އިރު މިއީ ޔޫރޯ 2024 ގައި ކުޅުންތެރިއަކު ބައިކޮޅަށް ޖެހި 8 ވަނަ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީއެވެ.
ދެ ޓީމު އެއްވަރުވެގެން އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ސްޕެއިންއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. ސްޕެއިންގެ 16 އަހަރުގެ ވިންގަރު ލަމީން ޔަމާލް ނަގާދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކޮށް ދިނީ ފަބިއަން ރުއީޒެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.
މިމެޗުގައި ޔަމާލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބި ލަނޑެއް ނުޖެހި ދިޔަ އިރު ސްޕެއިންގެ ވާތް ފަރާތުގައި ކުޅޭ ވިންގަރު ނީކޯ ވިލިއަމްސް ވަނީ ހިތްގައިމު ލަނޑެއް ޖަހާފައެވެ. މެޗުގެ 75 ވަނަ މިނެޓްގައި ވިލިއަމްސް ޖެހި މިލަނޑާއެކު ސްޕެއިންއަށް ނަތީޖާ ގާތްގަނޑަކަށް ކަށަވަރުވިއެވެ.
މިމެޗު ނިމުމުގެ ކުރިން ސްޕެއިންއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 1-4 އަށް ހަދާފައެވެ. ސްޕެއިންގެ ފަހު ލަނޑު އެޓީމަށް ޖަހާ ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ޑެނީ އޮލްމޯއެވެ.
މިމެޗުން މޮޅުވެ ސްޕެއިން މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވާ އިރު ކުއާޓާ ފައިނަލްގައި އެޓީމުން ނިކުންނާނީ މުބާރާތުގެ ހޯސްޓް ޖާމަނީއާ ދެކޮޅަށެވެ. ޖާމަނީ ކުއާޓާއަށް ދިޔައީ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ޑެންމާކްއާ ކުޅެ 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.