ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ތިން ވަނަ މެޗުގެ އިތުރު ވަގުތުގައި ހެރީ ކޭން ޖެހި ލަނޑާއެކު އިންގްލޭންޑުން ސްލޮވާކިއާ ބަލިކޮށް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް ދެވަނަ ބުރަށް އައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެގެންނެވެ. މުބާރާތުގައި އެޓީމަށް މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މިރޭގެ މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފައްދަން މަސައްކަތް ކުރީ އިންގްލޭންޑުންނެވެ.
އެެހެން ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްލޮވާކިއާއިންނެވެ. އިންގްލޭންޑްގެ ޕެނަލްޓީ އޭރިއާގެ ބޭރުން ދިން ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޝްކާރަންޒެވެ. މިއީ މިމުބާރާގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ. މިމުބާރާތުގައި ތިން ލަނޑު ޖެހިފައިވަނީ އެންމެ ތިން ކުޅުންތެރިންނަށެވެ.
އެއަށް ފަހު މެޗުގެ ބާކީ އޮތް ތަނުގައި މުޅިންހެން ކުޅުނީ އިންގްލޭންޑުންނެވެ. އެހެން ނަމަވެސް ސްލޮވާކިއާގެ ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާ ނުލެވި ފުރަތަމަ ހާފް ނިމުނީ 1-0 އިން ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފައްދަން މަސައްކަތް ކުރީ އިންގްލޭންޑުންނެވެ
. ސްލޮވާކިއާގެ ޑިފެންސުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގެ ތެރެއިން 5 ވަނަ މިނެޓްގައި އިންގްލޭންޑުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ރިއާލްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމްއެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 30 މިނެޓް ކުޅެން ފެށިތާ މާ ގިނައިރެއް ނުވެ އިންގްލޭންޑުން ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ހެރީ ކޭންއެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ސްލޮވާކިއާއަށް ލިބުނު ނަމަވެސް މެޗު ނިމުނީ 1-2 އިން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
ކުއާޓާގައި އިންގްލޭންޑް ވާދަކުރާނީ ސުވިޓްޒަލޭންޑާއެވެ. ސުވިޓްޒަލޭންޑުން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކުރުމަށް ފަހުއެވެ.