ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ސްޓޭޖްގެ ފުރަތަމަ މެޗުން ވެސް ޗެމްޕިއަން އިޓަލީ ރޭ ސުވިޓްޒަލޭންޑް އަތުން ރޭ ކަޓައިގެން ދިޔަ އިރު މިރޭ ވެސް މުބާރާތުގެ ފޭވަރިޓުން ކަމަށް ބުނާ ދެ ޓީމެއް ދެ މެޗެއްގައި ކުޅޭނެއެވެ.
މިގޮތުން، އިންގްލޭންޑް ސްލޮވާކިއާއާ ވާދަކުރާނީ މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެފައި އޮތް ސްޕެއިން ކުޅޭނީ ޔޫރޯ 2024ގެ ސަޕްރައިސް ޓީމު ޖޯޖިއާއާއެވެ.
ރޭގަނޑު 9 ޖަހާ އިރު އޮތީ އިންގްލޭންޑް ސްލޮވާކިއާ މެޗު
2021 ވަނަ އަހަރުގެ އޮތް ޔޫރޯގެ ފައިނަލަށް ދަތުރުކުރި އިންގްލޭންޑަށް މިމުބާރާތުގައި އަދި މޮޅުވެވުނީ އެންމެ މެޗަކުންނެވެ. މިގޮތުން ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ސާބިއާ ބަލިކުރެވުނު ނަމަވެސް އަނެއް ދެ މެޗުން ވީ އެއްވަރެވެ. އަދި އެޓީމަށް ޖުމްލަ ޖެހިފައިވަނީ އެންމެ ދެ ލަނޑެވެ. އެޓީމު ދެވަނަ ބުރަށް އައި ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ތިން މެޗުން ވެސް އިންގްލޭންޑަށް އެޓީމުގެ ސަޕޯޓަރުންނާ އިނގިރޭސި މީޑިއާ ހިތް ހަމަޖެހޭ ފަދަ ކުޅުމެއް ނުދެއްކުނު އިރު މިރޭ ސްލޮވާކިއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެ މުބާރާތުން ކަޓައިފިނަމަ ކޯޗު ގެރެތް ސައުތްގޭޓް މަގާމުން ވަކިކުރާނެ ކަމަށް ބެލެވެއެވެ. މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައުތްގޭޓް ބުނީ މިރޭ އަކީ ފާހަގަކޮށްލެވޭ ރެޔަކަށް ހެދިދާނެ ކަމަށާ ބަލިވުމުގެ ބިރު އިންގްލޭންޑުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ޓީމު މުބާރާތުގައި ކުރިއަށް ދިއުން ކަމަށެވެ. މިމެޗުގެ ފުރަތަމަ 11 އަށް އިންގްލޭންޑުން ބަދަލު ގެންނާނެ ކަމަށް ބެލެވޭ އިރު ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޯބީ މެއިނޫ އަދި ޗެލްސީގެ ކޯލް ޕާމާއަށް ޖާގަ ދޭނެ ކަމަށް ވާހަކަ ދެކެވެއެވެ.
މިރޭ އިންގްލޭންޑާ ދެކޮޅަށް ނިކުންނަ ސްލޮވާކިއާއަކީ ގްރޫޕް ސްޓޭޖްގެ އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ ނެރުނު އެއް ޓީމެވެ. މިގޮތުން ފުރަތަމަ މެޗުގައި އެޓީމުން 1-0 އިން ބެލްޖިއަމް ބަލިކުރި އިރު ދެން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އަނެއް މެޗުން ވީ އެއްވަރެވެ. ސްލޮވާކިއާ ދެވަނަ ބުރަށް އައި މުބާރާތުގެ ގްރޫޕްތަކުގެ ތިން ވަނަ ހޯދި އެންމެ މޮޅު ހަތަރު ޓީމުގެ ތެރެއިން އެއް ޓީމުގެ ގޮތުގައެވެ. ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާ ސްލޮވާކިއާގެ ޑިފެންސް ފޫއަޅުވާލަން އިންގްލޭންޑަށް އުނދަގޫވާނެ އިރު ކައުންޓާގައި އިންގްލޭންޑް ކޮޅަށް ލަނޑެއް ޖެހުމުގެ ގާބިލްކަން ވެސް ސްލޮވާކިއާގައި އެބަހުރިއެވެ.
އިންގްލޭންޑް އަދި ސްލޮވާކިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ކުޅެން ޖެހޭނީ އިޓަލީ ބަލިކުރި ސުވިޓްޒަލޭންޑާއެވެ.
ޖޯޖިއާގެ އާދިޔާ ހިލާފު މުބާރާތް ނިމޭނީ ސްޕެއިންގެ އަތުންބާ؟
މިމުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރަށް ދިޔަ ހަމައެކަނި ޓީމަކީ ސްޕެއިންއެވެ. މިގޮތުން ކުޅުނު ތިން މެޗުގައި އެޓީމުން ފަސް ލަނޑު ޖަހާފައިވާ އިރު ސްޕެއިން ކޮޅަށް އަދި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ގްރޫޕްގައި އެންމެ ފަހުން ކުޅުނު މެޗުގައި ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް ރެސްޓްކުރި އިރު މިރޭ ފެންނާނީ ސްޕެއިންގެ އެންމެ ވަރުގަދަ ފުރަތަމަ 11 ކަމަށް ބެލެވެއެވެ.
އެޓީމާ ދެކޮޅަށް މިރޭ ނިކުންނާނީ މުބާރާތުގެ ސަޕްރައިސް ޓީމު ޖޯޖިއާއެވެ. ޖޯޖިއާއިން ވާދަކުރާ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުން އެކަނި ވެސް އެއީ ބޮޑު ކާމިޔާބީއަކަށް ވީއިރު މިރޭގެ މެޗުން ސްޕެއިން ބަލިކުރެވިއްޖެނަމަ އެވާނީ ތާރީހީ މޮޅަކަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 2-0 އިން ޕޯޗުގަލް ބަލިކޮށް ދެވަނަ ބުރަށް ޖޯޖިއާ އައި އެންމެ މޮޅު ތިން ވަނަ ޓީމެއްގެ ގޮތުގައެވެ.
ޓީމުގެ ފޯވަޑުން ކަމަށްވާ ވިޝާ ކަވަރަޓްޝްކޭލިއާ އަދި މިކައުޓެޑްޒޭ އެމެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިރު ޖޯޖިއާގެ ކީޕަރު މާމަޑެޝްވިލީއަަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ސޭވެ ކުރި ކީޕަރެވެ.
ސްޕެއިން އަދި ޖޯޖިއާ ކުޅޭ މެޗު އޮންނަނީ މިރޭ ދަންވަރު 12 ޖަހާ އިރެވެ. އެމެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ވާދަކުރާނީ ޖާމަނީއާއެވެ.