ދެކުނު އެމެރިކާ އަދި އުތުރު އެމެރިކާ ބައްރުގެ ގައުމުތައް ކުޅޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުން ކެނެޑާ ޖާގަ ހޯދައިފިއެވެ.
މިއީ ކެނެޑާގެ ތާރީހުގައި ވެސް އެޓީމުން މިމުބާރާތުގެ ކުއާޓާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޓީމަށް ކުއާޓާއިން ޖާގަ ލިބުނީ މިއަދު ޗިލީއާ ވާދަ ކުރި މެޗު 0-0 އިން އެއްވަރުވުމުންނެވެ.
މިއަދުގެ މެޗުގެ ކުރިން އެއް މެޗުން ބަލިވެ އަނެއް މެޗުން މޮޅުވެގެން ތިން ޕޮއިންޓްގައި އޮތް ކެނެޑާ އާ ޗިލީ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އިރު ނުރައްކާތެރި ގިނަ ހަމަލާތައް އުފައްދާފައިވަނީ ޗިލީންނެވެ. އެހެން ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ މެޗުގެ 27 ވަނަ މިނެޓްގައި ޗިލީގެ ގެބްރިއަލް ސުއާޒޯއަށް ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑެއް ދެއްކުމުންނެވެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗު ނިމުނު އިރު ކެނެޑާ ދެވަނަ ބުރަށް ދިޔައީ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މިއީ މީގެ ކުރިން ދެ ފަހަރު މި ތަށި ކާމިޔާބުކުރި ޗިލީ 2004 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާއުކީ ފުރަތަމަ ފަހަރެވެ.
ގްރޫޕް އޭގެ އެއްވަނަ އާޖެންޓީނާ ކުއާޓާއަށް ދިޔައީ ހުރިހާ މެޗަކުން މޮޅުވެގެން
ގްރޫޕް ސްޓޭޖްގައި ކުޅޭ އެންމެ ފަހު މެޗަށް ޕެރޫއާ ދެކޮޅަށް އާޖެންޓީނާ ނިކުތް އިރު ވެސް ކުއާޓާގެ ޖާގަ އެޓީމަށް ވަނީ ކަށަވަރުވެފައެވެ. މިއާއެކު ވެސް އެންމެ ފަހުގެ ޗެމްޕިއަން ކުއާޓާއަށް ދިޔައީ 2-0 އިން ޕެރޫ ބަލިކޮށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މިމެޗުން ކެޕްޓަން ލައިނަލް މެސީ ނުފެންނަ އިރު މެޗުގައި އާޖެންޓީނާގެ ދެލަނޑު ވެސް ޖެހީ މެޗުގެ ދެވަނަ ހާފްގައި ތަޖުރިބާކާރު ފޯވަޑް ލަޓޫރޯ މާޓީނޭޒްއެވެ. މި މުބާރާތުގައި އޭނާ މިހާތަނަށް 4 ލަނޑު ޖަހާފައިވާ އިރު މާޓިނޭޒްއަކީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަަނޑު ޖެހި ކުޅުންތެރިޔާއެވެ.