ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް އެމުބާރާތް ހޯސްޓް ކުރާ ޖާމަނީ ދަތުރުކޮށްފިއެވެ. ޖާމަނީ ކުއާޓާއިން ޖާގަ ހޯދީ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ޑެންމާކް 2-0 އިން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅޭ ގިނަ ފުރުސަތުތައް އުފެއްދީ ޖާމަނީންނެވެ. ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ ފަރާތުން ހުޝިޔާރު ސޭވްތަކެއް ފެނިގެން ދިޔަ އިރު މޫސުން ގޯސްވެ ގަދަޔަށް ގުރުގުރާ ވިއްސާރަ ވެހޭތީ މެޗުގެ ރެފްރީ ވަނީ މެޗުގެ 36 ވަނަ މިނެޓްގައި ކުޅުން މެދުކަނޑާލާފައެވެ. އަދި ދަނޑުން ކުޅުންތެރިން ފައިބައިގެން ގޮސް އަލުން މެޗު ފެށީ 25 ވަރަކަށް މިނެޓް ފަހުންނެވެ.

ފުރަތަމަ ހާފް 0-0 އިން އެއްވަރުވެ ނިމުނު އިރު ހާފް ނިމެން ދަނިކޮށް ޑެންމާކްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމަށް ލަނޑެއް ނުޖެހުނުނެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ ލަނޑު ޖެހީ ޑެންމާކުންނެވެ. އެހެން ނަމަވެސް މެޗުގެ 48 ވަނަ މިނެޓްގައި ޑިފެންޑަރު ޔޯކިމް އެންޑާސަން ޖެހި މިލަނޑު މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ކެންސަލް ކުރީ ޑެންމާކް ކުޅުންތެރިއެއްގެ ބޫޓުގެ ކޮޅު އޮފްސައިޑް އޭރިއާއެއްގައި ހުރެގެންނެވެ.

އޭނގެ ދެތިން މިނެޓް ފަހުން ޖާމަނީން ލަނޑު ޖަހާ ލީޑު ނެގިއެވެ. އެއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކައި ހަވޭޓްޒް ޖަހާ ދިން ލަނޑެކެވެ. މި ޕެނަލްޓީ ލިބުނީ ޑެންމާކްގެ އޭރިއާގެ ތެރެއިން ޑިފެންޑަރު އެންޑާސަންގެ އަތުގައި ބޯޅަ ޖެހިގެންނެވެ.

މިމެޗުގައި ދެން ވެސް ލަނޑު ޖެހީ ޖާމަނީންނެވެ. މިލަނަޑު އެޓީމަށް ޖަހާ ދިނީ ހުނަރުވެރި ފޯވަޑް ޖަމާލް މުސިއާލާއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި ތިން ވަނަ ލަނޑަށް ވީ އިރު މިމުބާރާތުގައި ތިން ލަނޑު ޖެހިފައިވަނީ އެންމެ ދެ ކުޅުންތެރިންނަށެވެ. އެއީ މުސިއާލާގެ އިތުރުން ޖޯޖިއާގެ މިކައުޓަޑްޒޭއަށެވެ.

ޒުވާން ފޯވަޑް މުސިއާލާ ވަނީ މިމުބާރާތުގައި 3 ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

2-0 އިން ޑެންމާކް ބަލިކޮށް ޖާމަނީއަށް ކުއާޓާގެ ޖާގަ ލިބިފައިވާ އިރު ކުއާޓާގައި އެޓީމު ކުޅެން ޖެހޭނީ ޖޯޖިއާއާ ސްޕެއިންއާ ކުޅެގެން މޮޅުވާ ޓީމަކާއެވެ.