ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހޯސްޓް ޖާމަނީއާ ޑެންމާކް ކުޅެމުން ދިޔަ މެޗު މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓުވައިފިއެވެ. މި މެޗު ހުއްޓުވި އިރު ސްކޯ އޮތީ 0-0 އެއްގައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ހުއްޓާ މެޗުގެ ރެފްރީ މައިކަލް އޮލިވާ މެޗު މެދު ކަނޑާލީ ވައިގަދަވެ ބޯކޮށް ވިއްސާރަ ވެހެން ފެށުމުންނެވެ. އަދި ރެފްރީ ކަށިގަނޑު ފުމެލުމުން ކުރިން ވަރަށް ގަދައަށް ވިދާލި މަންޒަރު ޓީވީގެ ސްކްރީންތަކުން ފެނުނެވެ.

ކުޅުންތެރިން ދަނޑުން ފޭބުމަށް ފަހު ބެންޗްގެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބި އިރު ދެން ހަދާނެ ގޮތަކާ މެދު އޮފިޝަލުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ މެޗު ހުއްޓުމަކަށް ގެނެސްފައިވާކަން ދެ ޓީމަށް އެންގިއެވެ. އަދި ކުޅުންތެރިން ދެ ޓީމުގެ ޑްރެސިންގް ރޫމުތަކަށް ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

ކުޅުންތެރިން ފައިބައިގެން ދިއުމުން ވެސް މެޗުގެ މަންޒަރު ދައްކަމުން ދިޔަ އިރު ދަނޑަށް ހެއިލްސް ސްޓޯންސް (ވިއްސާރަ ވިލާގަނޑާއެކު ބިމަށް ވެއްޓޭ ގަނޑުފެން ގުޅަ ގުޅަ) ވެއްޓޭ މަންޒަރު ފެނިގެން ދިޔައެވެ.

މާ ގިނަ އިރުތަކެއް ނުވެ ކުޅުންތެރިން އަލުން ދަނޑަށް ނިކުމެ ވޯމް އަޕް ކުރަން ފެށިއެވެ. އަދި މެޗު ހުއްޓުވިތާ 25 ވަރަކަށް މިނެޓް ފަހުން ޑްރޮޕް ބޯޅަ އަކުން މެޗު އަލުން ފެށުވިއެވެ.