ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި ސުވިޓްޒަލޭންޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކަޓައިފިއެވެ.

ޖާމަނީގެ ބާލިންގައި ކުޅުނު މިމެޗުން ސުވިޓްޒަލޭންޑް މޮޅުވީ 0-2 އިންނެވެ.

މެޗުގައި ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނީ ސުވިޓްޒަލޭންޑުންނެވެ. މިގޮތުން، އެޓީމުން އިޓަލީގެ ގޯލަށް 10 ޝޮޓް ފޮނުވާލި އިރު އޭނގެ ތެރެއިން 4 ޝޮޓް ސީދާ ގޯލަށް އަމާޒުވިއެވެ.

ޗެމްޕިއަން އިޓަލީއަށް ފޮނުވާލެވުނީ 6 ޝޮޓެވެ. އޭނގެ ތެރެއިން ސުވިޓްޒަލޭންޑްގެ ގޯލަށް އަމާޒުވީ އެންމެ ޝޮޓެކެވެ. ސުވިޓްޒަލޭންޑުން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މިޑްފީލްޑްގައި މޮޅު ކުޅުމެއް ދެއްކި ފްރޮއިލާއެވެ.

ސުވިޓްޒަލޭންޑްގެ ފުރަތަމަ ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ސުވިޓްޒަލޭންޑް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފެށިތަނާހެން އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިގޮތުން އިޓަލީގެ ޑިފެންޑަރުން ބަލަބަލާ ތިއްބާ މި ހިތްގައިމު ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ރޫބެން ވާގެސްއެވެ.

މެޗުގެ 46 ވަނަ މިނެޓްގައި ވާގަސް ޖެހީ ބަލާލަން ރީތި މޮޅު ލަނޑެއް/ފޮޓޯ: އެކްސް

އިޓަލީއިން މެޗުގައި ދެން ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 2-0 އިން ސުވިޓްޒަލޭންޑް ކުރީގައި އޮވެ އިޓަލީ މުބާރާތުން ކަޓައިގެންނެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާއަށް ސުވިޓްޒަލޭންޑުން ދަތުރުކުރި ދެވަނަ ފަހަރެވެ.

ކުއާޓާގައި ސުވިޓްޒަލޭންޑް ކުޅެން ޖެހޭނީ އިންގްލޭންޑާ ސްލޮވާކިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.