ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމި މުބާރާތުގެ ގަދަ 16 އަށް ގޮސްފައިވާ ޓީމުތައް ހޮވާ ނިމިފައިވާ އިރު މިރޭ ދެވަނަ ބުރުގެ މެޗުތައް ފަށާނެއެވެ.

މި ގޮތުން، ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަދި ސުވިޓްޒަލޭންޑެވެ. އަދި ދެވަނަ މެޗުގައި ކުޅޭނީ މުބާރާތުގެ ހޯސްޓް ޖާމަނީއާ ޑެންމާކެވެ.

ރޭގަނޑު 9 ޖަހާ އިރު އިޓަލީ ސުވިޓްޒަލޭންޑާ ނިކުންނާނީ ކުއާޓާއިން ޖާގައެއް ކަށަވަރުކުރަން

2021 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ މިމުބާރާތުގެ ދެވަނަ ބުރަށް އައި ހަމަ ކިރިޔަ ކިރިޔާއެވެ. މިގޮތުން، މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް ދެމެޗުން އެއްވަރުވީ އިރު ގްރޫޕް ސްޓޭޖްގައި އެންމެ ފަހުން ކުޅުނު މެޗުގައި ކްރޮއޭޝިއާ ކޮޅަށް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 98 ވަނަ މިނެޓްގައެވެ.

އިޓަލީގެ ލަނޑު ޖަހާ ދިން ޒަކާނީ/ފޮޓޯ: އެކްސް

ގްރޫޕް ސްޓޭޖްގައި އިޓަލީއަށް އެންމެ ފުރިހަމަ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުގެ ކެޕްޓަން އަދި ކީޕަރު ޑޮނަރޫމާއަކީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ސޭވް ކުރި އެއް ކީޕަރެވެ.

އިޓަލީއާ ދެކޮޅަށް ނިކުންނަ ސުވިޓްޒަލޭންޑަށް ވެސް ގްރޫޕް ސްޓޭޖްގައި ދެއްކިފައިވަނީ ހަމަ ދާދި އެއް ނަތީޖާތަކެކެވެ. މިގޮތުން އެޓީމުން ކުޅުނު ފުރަތަމަ މެޗުން މޮޅުވި އިރު ފަހުން ކުޅުނު ދެމެޗުން ވެސް ވީ އެއްވަރެވެ.

ސުވިޓްޒަލޭންޑް އެންޑޯޔޯ ޖާމަނީ ކޮޅަށް ޖެހީ ރީތި ލަނޑެއް/ފޮޓޯ: އެކްސް

ސުވިޓްޒަލޭންޑު ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗުގައި ހޯސްޓް ޖާމަނީއާ ވާދަކުރި އިރު 1-1 އިން އެއްވަރުވީ އެމެޗުން މޮޅުވުމަށް ވެސް ސުވިޓްޒަލޭންޑަށް ފުރުސަތު ލިބުނެވެ. އިޓަލީ ކަޓުވާލާ ސުވިޓްޒަލޭންޑުން ކުއާޓާއިން ޖާގައެއް ހޯދުން ވެގެންދާނީ ޔޫރޯ 2024 ގެ އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަށެވެ.

މިރޭގެ މެޗުގައި ދެ ޓީމުން ވެސް ޑިފެންސިވް ކުޅުމަކަށް އިސްކަން ދޭނެ ކަމަށް ޕަންޑިޓުން ބުނާ އިރު 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދޭ 30 މިނެޓްގައި ވެސް ދެ ޓީމު އެއްވަރުވެފައި އޮތް ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.

ހޯސްޓް ޖާމަނީ 12 ޖަހާ އިރު ކުޅޭނީ ގްރޫޕް ސީގެ ދެވަނަ ޑެންމާކްއާ

ގްރޫޕް ސްޓޭޖްގައި އެންމެ ވަރުގަދަ ކުޅުމެއް ދެއްކި ހޯސްޓް ގައުމު ޖާމަނީއަށް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލުނީ އެންމެ ފަހު މެޗުގައި ސުވިޓްޒަލޭންޑް ބަލި ނުކުރެވުމުންނެވެ. 1-1 އިން އެއްވަރުވީ މެޗުގައި ޖާމަނީއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހަތުން އަރައެވެ.

މިމެޗުގައި ޖާމަނީއިން އެއްވަރުކުރި ލަނޑު ޖަހާ ދިން ފުލްކުރުކް/ފޮޓޯ: އެކްސް

އެމެޗުގައި ޖާމަނީއަށް ލަނޑު ޖަހާ ދިން ނިކޮލަސް ފުލްކްރިކްއަށް މިރޭގެ ފުރަތަމަ 11 އިން ޖާގަ ދޭނީތޯ ނުވަތަ ނޫންތޯ ކުރާ ބަހުސް ޖާމަނީގެ މީޑިއާގައި ވަނީ ހޫނުވެފައެވެ. މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އާސަނަލްގެ ކައި ހަވޭޓްޒް ފެށި އިރު މުބާރާތުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ތިން މެޗުން ވެސް ފެނިގެން ދިޔަ ފުލްކްރިކްއަށް ތިން ލަނޑު ޖެހުނު އިރު އެއް ލަނޑު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ ކެންސަލްކޮށްފައެވެ.

ޑެންމާކުން އިންގްލޭން ކޮޅަށް ލަނޑު ޖެހީ ގޯލާ ދުރުން/ފޮޓޯ: އެކްސް

މިރޭ ޖާމަނީއާ ކުޅޭ ޑެންމާކް ދެވަނަ ބުރަށް އައި އެއްވެސް މެޗަކުން މޮޅު ނުވެއެވެ. މިގޮތުން ގްރޫޕް ސީގައި ޑެންމާކްއިން ކުޅުނު ފުރަތަމަ ދެ މެޗު 1-1 އިން އެއްވަރުވީ އިރު ފަހު މެޗު އެއްވަރުވީ 0-0 އިންނެވެ. އަދި ގްރޫޕް ސްޓޭޖްގައި ޖުމްލަ ދެ ގޯލު އެޓީމުން ޖެހި އިރު ދެވަނަ ބުރަށް ދިޔައީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޑެންމާކުން ޑިފެންސިވް ކުޅުމެއް ހިޔާރު ކުރި ނަމަވެސް ޖާމަނީއިން މަސައްކަތް ކުރާނީ ތަފާތު ބޮޑު ސްކޯލައިނަކުން މެޗު ކާމިޔާބުކުރާށެވެ. މި މުބާރާތުގައި އެންމެ ފަރަގު ބޮޑު ސްކޯލައިނަކުން މެޗެއް ކާމިޔާބުކުރި ޓީމަކީ ޖާމަނީއެވެ. މިގޮތުން، މުބާރާތުގެ ފުރަތަމަ މެޗު އެޓީމުން ސްކޮޓްލޭންޑް ބަލިކުރީ 5-1 އިންނެވެ.