ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގަައި މިރޭ މުބާރާތް ބާއްވާ އެމެރިކާއާ ޕެނެމާ ވާދަކުރި ފޯރިގަދަ މެޗު 1-2 އިން ޕެނެމާ ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 5 ވަނަ މިނެޓްގައިި އެމެރިކާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

އެއަށް ފަހު ދެން ފެނިގެން ދިޔައީ އެމެރިކާގެ ފޯވަޑް ޓިމް ވޭހްއަށް ރަތް ކާޑެއް ދެއްކި މަންޒަރެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވޭހްގެ ދަރިފުޅު ޓިމްއަށް މެޗުގެ 18 ވަނަ މިނެޓްގައި ސީދާ ރަތް ކާޑެއް ދެއްކީ ޕެނެމާގެ ކުޅުންތެރިއެއްގެ ބޮލުގެ ފަހަތުގައި ގަސްތުގައި ޖެހުމުންނެވެ.

ޓިމް ވޭހްއަށް ދެއްކީ ސީދާ ރަތް ކާޑެއް/ފޮޓޯ: އެކްސް

މިކަމުގެ ސަބަބުން މެޗުގެ ބޮޑުބައި އެމެރިކާ 10 ކުޅުންތެރިނާއެކު ކުޅެން ޖެހުނު ނަމަވެސް މެޗުގެ 22 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ އެމެރިކާއިންނެވެ.

މެޗުގެ ލީޑު ނެގީ އެމެރިކާއިން/ފޮޓޯ: އެކްސް

މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އެމެރިކާއަށް ލަނޑެއް ޖަހާ ދިން ފްލޯރިއަން ބަލޯގަންއެވެ.

އޭނގެ އިރުކޮޅެއް ފަހުުން ޕެނެމާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސީޒާ ބްލެކްމެންއެވެ.

ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެ އޮވެ ނިމުނު އިރު ދެވަނަ ހާފްގެ ވެސް ބޮޑުބައިގައި ސްކޯލައިން އޮތީ 1-1 ގައެވެ. ޕެނަމާ މިމެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނެޓްގައިއެވެ. އަބިދެލް އަޔަރްޒާ ނަގާ ދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހޯސޭ ފަހާޑޯއެވެ.

ޕެނެމާގެ ދެވަނަ ލަނޑު ޖަހާ ދިން ފަހާޑޯ/ފޮޓޯ: އެކްސް

މިލަނޑަށް ފަހު މާ ގިނަ އިރުތަކެއް ނުވެ ޕެނެމާގެ ކުޅުންތެރިއަކަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މިގޮތުން، އެމެރިކާގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިކްއަށް ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑު ދެއްކީ ޕެނެމާގެ އަލްބާޓޯ ކަރަގުއިލާއަށެވެ. 1-2 އިން މެޗު ނިމުނު އިރު މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށްޓަކައި ހޯސްޓް އެމެރިކާއިން ޖެހޭނީ ގްރޫޕް ސްޓޭޖްގައި އެޓީމުން ކުޅޭ ފަހު މެޗުގައި އުރުގުއޭއާ ދެކޮޅަށް ނަތީޖާއެއް ނެރޭށެވެ.