އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފޭވަރިޓުން ކަމަށް މެކްސިކޯ ބަލިކޮށް ވެނަޒުއޭލާ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިމެޗަށް އައި އިރު ދެ ޓީމުން ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް 3 ޕޮއިންޓް ހޯދި އިރު މިމެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް އުފެއްދީ މެކްސިކޯއިންނެވެ. މިގޮތުން، އެޓީމުން ޖުމްލަ 10 ޝޮޓް ވެނަޒުއޭލާގެ ގޯލަށް ފޮނުވާލި އިރު މީގެ ތެރެއިން 5 ޝޮޓަކީ ސިދާ ގޯލަށް އަމާޒުވި ހަމަލާތަކެވެ.

އެހެން ނަމަވެސް ދުނިޔޭގެ ރޭންކިންގްގެ 15 ވަނައިގައި އޮތް މެކްސިކޯއަށް ރޭންކިންގްގެ 44 ވަނައިގައި އޮތް ވެނަޒުއޭލާ ކޮޅަށް ލަނޑެއް ނުޖެހުނު އިރު މެޗުގެ 57 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ވެނަޒުއޭލާއިންނެވެ. އެޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ޖެހީ ސޮލަމޮން ރެންޑޯންއެވެ.

މިމެޗުން މޮޅުވެ ވެނަޒުއޭލާއަށް މިވަނީ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުވެފައެވެ.

މިގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި އެކުއަޑޯއިން 1-3 އިން ޖަމައިކާ ބަލިކުރުމުން ގްރޫޕްގެ ދެވަނައިގައި އޮތީ އެކުއަޑޯއެވެ. ގްރޫޕްގެ ފަހު މެޗުގައި މެކްސިކޯއިން އެކުއަޑޯއާ ކުޅެން ޖެހޭ އިރު ކުއާޓާ ފައިނަލަށް ދާނީ އެމެޗުން މޮޅުވާ ޓީމެކެވެ.