2000 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވަމީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ރޯމޭނިއާ ކޮލިފައިވެއްޖެއެވެ. ރޯމޭނިއާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައިވަނީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި ގްރޫޕްގެ ފަހު މެޗުތައް މިރޭ ކުޅުނު އިރު ރޯމޭނިއާއިން ވާދަކުރީ ސްލޮވާކިއާއާއެވެ. މިމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ސްލޮވާކިއާއިންނެވެ. މިގޮތުން، މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 24 ވަނަ މިނެޓްގައި ޑޫޑާއެވެ.

ސްލޮވާކިއާގެ ލަނޑު ޖަހާ ދިނީ ޑޫޑާ/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޯމޭނިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ރޯމޭނިއާއިން ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ޖަހާ ދިނީ މާރިންއެވެ.

މެޗުގެ ދެވަނަ ހާފްގައި ލީޑު ނަގާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު އިރު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާގެ ސަބަބުން ލިބުނު ޕޮއިންޓާއެކު ރޯމޭނިއާ ދެވަނަ ބުރަށް ދިޔައީ ޖެހި ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ސްލޮވާކިއާއަށް ވެސް މި ގްރޫޕްގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނު އިރު އެޓީމު ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެއީ ގްރޫޕްތަކުގެ ތިން ވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދި ޓީމެއްގެ ގޮތުގައެވެ.

ޔޫކްރެއިން އަށް 4 ޕޮއިންޓް ލިބުނު ނަމަވެސް މުބާރާތުން ކަޓައިފި

މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި ޔޫކްރެއިންއާ ބެލްޖިއަމް ވާދަކުރި އިރު މިމެޗު ވީ 0-0 އިން އެއްވަރެވެ. ދެ ޓީމުގެ ފަރާތުން މާ މޮޅު ކުޅުމެއް މި މެޗުގައި ފެނިފައި ނުވާ އިރު މެޗުގެ ފަހު ވަގުތު ޔޫކްރެއިންއަށް ވަނީ މެޗުން މޮޅުވާނެ ދެތިން ފުރުސަތެއް ލިބި ފުރުސަތުގެ ބޭނުން ނުހިފިފައެވެ.

މިމެޗުން އެއްވަރުވުމާއެކު ބައިކޮޅަށް ވަތް ގޯލުގެ ތަފާތުން ޔޫކްރެއިން މިވަނީ މުބާރާތުން ކަޓާފައެވެ. އަދި ބެލްޖިއަމް ދިޔައީ ގްރޫޕް އީގެ ދެވަނައަށެވެ.

ގަދަ 16 ގައި ބެލްޖިއަމް ވާދަކުރާނީ ފްރާންސާއެވެ.