ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު ހަތަރު މެޗު މިއަދު ކުޅޭ އިރު އެންމެ ގްރޫޕް ސްޓޭޖްގެ އެންމެ ވާދަވެރި ގްރޫޕް ކަމަށްވާ ގްރޫޕް އީއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް އެބައޮތެވެ. ކޮންމެ ޓީމަކުން ވެސް ވަނީ ދެ މެޗު ކުޅުނު އިރު އެެއް މެޗުން ބަލިވެ އަނެއް މެޗުން މޮޅުވެފައެވެ. އެހެން ކަމުން ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް، ސްލޮވާކިއާ، ރޯމޭނިއާ އަދި ޔޫކްރެއިންއަށް ވެސް ލިބިގައިވަނީ ޖުމްލަ ތިން ޕޮއިންޓެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ރޯމޭނިއާ ކުޅޭނީ ސްލޮވާކިއާއާ
މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 އިން ޔޫކްރެއިން ބަލިކުރި ރޯމޭނިއާއަށް ދެވަނަ މެޗުގައިި އެ މޮޅު ކުޅުމެއް ނުދެއްކުނެވެ. އަދި 2-0 އިން ބެލްޖިއަމް އަތުން ބަލިވި ރޯމޭނިއާ މިރޭގެ މެޗަށް ނިކުންނާނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތަށެވެ. އެގައުމުގެ ތާރީހުގައި ވެސް ރޯމޭނިއާއިން ބައިނަލްއަޤްވާމީ މުބާރާތެއްގެ ދެވަނަ ބުރަށް ދިޔައީ އެންމެ ފަހަރަކު ކަމަށްވާ އިރު މިރޭ މި ތާރީހު ބަދަލުކުރުމުގެ ފުރުސަތު ރޯމޭނިއާއަށް އެބައޮތެވެ. މިކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ސްލޮވާކިއާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމެވެ. މިމެޗުން އެއްވަރު ވެގެން ވެސް ރޯމޭނިއާއަށް ދެވަނަ ބުރަށް ދެވަން އަންނަ އިރު މިމެޗުން ދަށްވެއްޖެނަމަ އެޓީމު ދެން ބަލަން ޖެހޭނީ ގްރޫޕްގައި ދެން ކުޅޭ މެޗުގެ ނަތީޖާއަށެވެ.
މެޗަށް ނިކުންނަ އިރު ސްލޮވާކިއާ އޮތީ ތާވަލުގެ ތިން ވަަނައިގައި އޮތް އިރު މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 އިން ބެލްޖިއަމް ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ޔޫކްރެއިން އަތުން 2-1 އިން ބަލިވި އިރު މިމެޗުގައި ވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްލޮވާކިއާއިންނެވެ. އެޓީމަށް ވެސް ދެވަނަ ބުރަށް ދެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ރޯމެނިއާ ބަލިކުރުމެވެ. މެޗު އެއްވަރު ވެއްޖެނަމަ ގްރޫޕްގެ އަނެއް މެޗުގެ ނަތިޖާއަށް ބަލާ ސްލޮވާކިއާގެ ފުރުސަތު ހަނިވާނެއެވެ.
ބެލްޖިއަމް ވެސް ޔޫކްރެއިން ވެސް ފޯމަށް އެޅުނީ އެންމެ މުހިންމު ހިސާބުން
މުބާރާތުގައި ބެލްޖިއަމްއިން ކުޅުނު ފުރަތަމަ މެޗުން 1-0 އިން ސްލޮވާކިއާ އަތުން ބަލިވުމަކީ މިހާތަނަށް ޔޫރޯ 2024 ގެ އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ. ޓީމުގެ ކުރީގައި ރޮމަލޫ ލުކާކޫ ނަގައިގެން ބެލްޖިއަމްއަށް މުބާރާތުގައި ކުރިއަށް ދެވޭނެ ތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ލުކާކޫ އަކީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ 'ކެންސަލް' ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ މުބާރާތުގައި ޖެހި ތިން ލަނޑު ވެސް ވީއޭއާރުން ކެންސަލްކޮށްފައިވާ އިރު ލުކާކޫގެ ބޭނުމަކީ ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑެބްރައިނާ އަދި ޔޫރީ ޓިލަމަންސް ފަދަ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ފުރުސަތު އިތުރުކޮށް ދިނުން ކަމަށް ޕަންޑިޓުން ބުނެއެވެ.
މުބާރާތުގެ ބެލްޖިއަމްއިން ކުޅުނު ދެވަނަ މެޗުގައި ރޯމޭނިއާ ކޮޅަށް ޓިލަމަންސް ޖެހި ލަނޑަކީ ލުކާކޫގެ އެސިސްޓެކެވެ. ޔޫކްރެއިންއާ ދެކޮޅަށް މިރޭ ނިކުންނަ އިރު ބެލްޖިއަމްއިން ބޭނުންވާނީ ރޯމޭނިއާއާ ދެކޮޅަށް ދެއްކި ފަދަ ކުޅުމެއް ނަކަލު ކުރާށެވެ. އަދި މެޗުން މޮޅުވެގެން ގްރޫޕްގެ އެންމެ މޮޅު ދެ ޓީމުގެ ތެރެއިން އެއް ޓީމުގެ ގޮތުގައި ބެލްޖިއަމްއަށް ދެވަނަ ބުރަށް ދެވޭނެއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ޔޫކްރެއިންއަށް ވެސް ދެވަނަ ބުރަށް ދިއުމަށް އޮތް އެންމެ ފަސޭހަ މަގަކީ ބެލްޖިއަމް ބަލިކޮށްގެން މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމެވެ.