އެމެރިކާގައި މިހާރު ކުޅެމުންދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް އެމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދަތުރުކޮށްފިއެވެ.

ޖުމްލަ 16 ޓީމެއް ހަތަރު ގްރޫޕަކަށް (ގްރޫޕެއްގައި 4 ޓީމު) ބަހާލައިގެން ކުޅޭ މި މުބާރާތުގެ ދެވަނަ ބުރެއް ނޯންނާނެ އިރު އާޖެންޓީނާއަކީ މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ޓީމެވެ. މިގޮތުން މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ކެނެޑާ ބަލިކުރި އިރު ރޭ ޗިލޭއާ ކުޅެ އާޖެންޓީނާއިން ވަނީ 1-0 މެޗު ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ލަނޑު ޖަހާ ދިނީ ލަޓޫރޯ މާޓީނޭޒް/ފޮޓޯ: އެކްސް

މިމެޗުގައި އާޖެންޓީނާގެ ފަރާތުން ޖުމްލަ 16 ޝޮޓް ފެނުނު އިރު މީގެ ތެރެއިން 9 ޝޮޓެއް ވަނީ ސީދާ ގޯލަށް އަމާޒުވެފައެވެ. އެހެން ނަމަވެސް މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމުން ޖެހީ މެޗުގެ 88 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު ފޯވަޑް ލަޓޫރޯ މާޓީނޭޒްއެވެ. ދެ މެޗު ކުޅެ ހަ ޕޮއިންޓް ހޯދައިގެން އާޖެންޓީނާ ކުއާޓާއަށް ގޮސްފައިވާ އިރު އެޓީމުން އެބުރުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ.

ގްރޫޕް އޭގެ އަނެއް މެޗުގައި ކެނެޑާ ވަނީ ޕެރޫ ބަލިކޮށްފައި

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ކެނެޑާއާ ޕެރޫ ވާދަކުރި އިރު 1-0 އިން މިމެޗު ކާމިޔާބުކުރީ ކެނެޑާއެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ކެނެޑާއިން ލަނޑެއް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކެނެޑާގެ ފޯވަޑް ޖޮނަތަން ޑޭވިޑްއެވެ.

ކެނެޑާގެ ހަމައެކަނި ލަނޑު ޖަހާ ދިން ޖޮނަތަން ޑޭވިޑް/ފޮޓޯ: އެކްސް

މިލަނޑުގެ ކުރިން މެޗުގެ 59 ވަނަ މިނެޓްގައި ޕެރޫގެ ކުޅުންތެރިއެއްގެ ކަމަށްވާ މިގެލް އަރޫހޯއަށް މެޗުގެ ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާ ކެނެޑާގެ ޖޭކޮބް ޝަފަލްބާގްއަށް ކުރި ފައުލަކަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް މިފައުލް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްފީ ރިވިއު ކުރުމަށް ފަހު މެޗުގެ ރެފްރީއަށް ދިން އިރުޝާދުގެ މަތިން ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ކެނެޑާ މިވަނީ މިނަތީޖާއާއެކު ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އިތުރުކޮށްފައެވެ.