ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ މެޗުތައް މިރޭ ކުޅެ ނިންމި އިރު މި ގްރޫޕްގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގްރޫޕްގެ ފަހު މެޗުތަކުގައި އެއްވަނައިގައި އޮތް އިންގްލޭންޑް ސްލޮވޭނިއާއާ ކުޅުނު އިރު ޑެންމާކް ނިކުތީ ސާބިއާއާ ދެކޮޅަށެވެ. މިދެމެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
އިންގްލެންޑްގެ ފަރާތުން އަނެއްކާވެސް ފޫހި ކުޅުމެއް، ސްލޮވޭނިއާ މުބާރާތެއްގެ ދެވަނަ ބުރަށް މިދިޔައީ އަލަށް
މިރޭގެ މެޗުގެ ކުރިން އިންގްލޭންޑް ޓީމުގެ ކޯޗާއި ކުޅުންތެރިން ވަނީ އެޓީމުގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފައެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ވެސް ފެނުނީ ހަމަ ކުރީ ދެ މެޗުގައި ވެސް ފެނުނު ފަދަ ކުޅުމެކެވެ. ކުރީ ދެމެޗުގައި އެޓީމަށް ލަނޑެއް ޖެހުނު އިރު މިރޭގެ މެޗުގައި ލަނޑެއް ވެސް ނުޖެހެއެވެ. އަދި މުޅި މެޗުގައި 7 ޝޮޓް ސްލޮވޭނިއާގެ ގޯލަށް ފޮނުވާލި ނަމަވެސް ސީދާ ގޯލާ އަމާޒުވީ އެންމެ ތިން ޝޮޓެވެ.
މެޗުގައި ސްލޮވޭނިއާއިން ދެއްކީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. އަދި އެޓީމުން މާގިނަ ހަމަލާތަކެއް ނުއުފެއްދި ނަމަވެސް މެޗުގެ ކުރީ ކޮޅު ޓީމުގެ ފޯވަޑް ސިޝްކޯއަށް މުޅިން ހުސްކޮށް ގޯލެއް ޖަހާނެ ފުރުސަތެއް ލިބި ނަގާލިއެވެ. މި ދެޓީމު އެއްވަރުވެގެން މެޗު ނިމުމުން އިންގްލެންޑަށް ވަނީ ގްރޫޕް ސީގެ އެއްވަނަ ލިބިފައެވެ. އަދި ކުޅުނު ތިން މެޗުން އެއްވަރުވި ސްލޮވޭނިއާ މިވަނީ ތިން ޕޮއިންޓް ހޯދާ ގްރޫޕްގެ ތިން ވަނައަށް އެންމެ މޮޅު ހަތަރު ޓީމަށް ލިބޭ ޖާގައެއް ހޯދާ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގެ ދެވަނަ ބުރަށް ސްލޮވޭނިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ގްރޫޕްގެ ދެވަނަ ޑެންމާކަށް، ސާބިއާ މުބާރާތުން ކެޓީ
މި ގްރޫޕްގެ އަނެއް މެޗުގައި ޑެންމާކްއާ ސާބިއާ ވާދަކުރި އިރު އެ މެޗު ވެސް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.އަދި ޑެންމާކް ވެސް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ތިން ޕޮއިންޓް ހޯދައިގެން ދެވަނަ ބުރަށް މިވަނީ ދަތުރުކޮށްފައެވެ. އެޓީމާ ތިން ވަނައިގައި އޮތް ސްލޮވޭނިއާއާ ދެމެދު މުބާރާތުގައި ކުޅުނު މެޗުތަކުގެ ނަތީޖާއާ ޖެހި ގޯލާ ބައިކޮޅަށް ވަތް ގޯލާ ޑިސިޕްލިނަރީ ރިކޯޑް (ދެ ޓީމަށް ވެސް ދެއްކީ 6 ރީނދޫ ކާޑު)ގެ އެއްވެސް ފަރަގެއް ނެތެވެ. ދެން ޖެހުނީ ކޮލިފައިންގައި ރަނގަޅަށް ކުޅުނު ޓީމެއް ބަލާ އެ ނަތީޖާއިން ގްރޫޕްގެ ދެވަނަ ދޭނެ ޓީމެއް ހޯދާށެވެ. ކޮލިފައިންގައި މި ދެޓީމު ވެސް އެއް ގްރޫޕެއްގައި އޮތް އިރު ޑެންމާކުން މުބާރާތަށް ކޮލިފައިވީ ސްލޮވޭނިއާގެ ކުރީގައި އޮވެގެންނެވެ. އެހެން ކަމުން ގްރޫޕް ސީގެ ދެވަނަ ލިބުނީ ޑެންމާކަށެވެ.
ދެވަނަ ބުރުގައި ޑެންމާކް ކުޅެން ޖެހޭނީ މުބާރާތް ހޯސްޓް ކުރާ ޖާމަނީއާއެވެ.