ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕްގެ ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ފްރާންސް އަތުން ބަލިވި އޮސްޓްރިއާ ގްރޫޕްގެ އެއްވަނަ ހޯދީ ފަހު ދެމެޗުން މޮޅުވެގެންނެވެ.
މިގޮތުން މިރޭ އެޓީމުން ވަނީ ނެދެލޭންޑްސް 2-3 އިން ބަލިކޮށްފައެވެ. މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޮސްޓްރިއާއިންނެވެ. މިލަނޑަކީ ނެދެލޭންޑްސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ 6 ވަނަ މިނެޓްގައި ފެނުނު މިލަނޑަަށް ފަހު ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ދެޓީމުގެ ފަރާތުން ވެސް ފެނިފައި ނުވާ އިރު ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރެއް ނުވެ ނެދެލޭންޑްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކޯޑީ ގެކްޕޯއެވެ.
އެހެން ނަމަވެސް މާގިނަ އިރު ތަކެއް ނުވެ އޮސްޓްރިއާއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. އަރިމަތިން އައި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޝިމިޑްއެވެ.
މެޗުގައި ދެން ލަނޑު ޖެހީ ނެދެލޭންޑްސްއިންނެވެ. ސްކޯ 2-2 އަކަށް ހެދި މިލަނޑު އެޓީމަށް ޖަހާ ދިނީ މެމްފިސް ޑިޕޭއެވެ. އެހެން ނަމަވެސް މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮސްޓްރިއާއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ތިން ވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާސެލް ސަބިޓްޒާއެވެ.
މެޗު ނިމުނީ 3-2 އިން އޮސްޓްރިއާ ކުރީގައި އޮވެގެންނެވެ.
ގްރޫޕްގެ އަނެއް މެޗު ވީ 1-1 އިން އެއްވަރު
ގްރޫޕް ޑީގައި މިރޭ ކުޅުނު އަނެއް މެޗުގައި ފްރާންސްއާ ޕޮލެންޑް ވާދަކުރި އިރު މިމެޗު ވީ 1-1 އިން އެއްވަރެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު އިރު ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފްގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ފްރާންސުންނެވެ. ލިބުނު ޕެނަލްޓީއަކުން ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ޖެހި މިލަނޑަކީ މިމުބާރާތުގައި ފްރާންސްގެ ކުޅުންތެރިއަކު ޖެހި ފުރަތަމަ ލަނޑެވެ. އަދި މިއީ އެމްބާޕޭ ޔޫރޯ މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑުވެސްމެއެވެ.
ޕޮލެންޑުން އެއްވަރު ކުރި ލަނޑު ވެސް ޖެހީ ޕެނަލްޓީ ސްޕޮޓުންނެވެ. ދެބުރެއްގެ މަތިން ފޮނުވާލި މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލަނީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއެވެ.
މިމެޗުގެ ނަތީޖާއާ ކުރީގެ މެޗުގެ ނަތީޖާއާއެކު މި ގްރޫޕުން ތިން ޓީމެއް މިވަނީ ދެވަނަ ބުރަށް ގޮސްފައެވެ. އޮސްޓްރިއާއަށް އެއްވަނަ ލިބުނު އިރު ފްރާންސް ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ނެދެލޭންސްއަށް ދެވަނަ ބުރުން ޖާގައެއް ކަށަވަރުވީ ތިން ގްރޫޕެއްގެ ތިން ވަނައަށް އެންމެ މޮޅު ޓީމަށް ވުމުންނެވެ.