ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް މިހާރު ކުޅެމުންދާ އިރު މިރޭ ދަންވަރު 12 ޖަހާ އިރު ކުޅޭނީ ގްރޫޕް ސީގެ ފަހު ދެމެޗެވެ. މިގޮތުން މުބާރާތުގެ ކުރިން ޔޫރޯ 2024ގެ ފޭވަރިޓުން ކަމަށް ގިނަ މީހުން ލޭބަލް ކުރިން އިންގްލޭންޑް ސްލޮވޭނިއާއާ ދެކޮޅަށް ނިކުންނަ އިރު ޑެންމާކް ކުޅޭނީ ސާބިއާއާ ދެކޮޅަށެވެ.
މިއީ އިންގްލޭންޑަށް މުބާރާތުގެ ފޭވަރިޓުންގެ ލޭބަލް ދިނީ ކީއްވެގެން ކަން ދައްކަންވީ މެޗު
މިރޭގެ މެޗުގެ ކުރިން ވެސް އިންގްލޭންޑަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވާ އިރު ގިނަ މީހުން މިމުބާރާތުގައި މިހާތަނަށް އެންމެ ބަލިކަށި ކުޅުމެއް ދައްކާފައިވާ އެއް ޓީމަކީ އިންގްލޭންޑެވެ. މުބާރާތުގެ ފުރަތަމަ މަޗުގައި ސާބިއާ އަތުން 1-0ގެ ހަނި މޮޅެއް ލިބުނު އިރު ދެވަނަ ވަނަ މެޗުގައި ޑެންމާކްއާ ކުޅެވީ 1-1 އިން އެއްވަރެވެ. ޔޫރޯ 2024 އަށް އިންގްލޭންޑް ދިޔައީ އެންމެ ވަރުގަދަ އެއް ސްކޮޑް ގޮވައިގެން ކަމަށްވީ އިރު ކޯޗު ގެރަތް ސައުތްގޭޓަށް އިންގްލޭންޑްގެ އެންމެ ވަރުގަދަ ފުރަތަމަ 11 އަދި ވެސް ނޭނގޭ ކަމަށް އިނގިރޭސި މީޑިއާއިން ތުހުމަތުކުރެވެ.
ޑެންމާކްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވެސް ސައުގޭޓްގެ އިތުރުން ކެޕްޓަން ހެރީ ކޭން ވެސް ނޫސްވެރިންނާ ދެއްކި ވާހަކަ ތަކުން ޓީމު އިތުރު ޕްރެޝަރަށް އައިސްފައިވާ އިރު މިރޭ ސްލޮވޭނިއާއާ ދެކޮޅަށް އިންގްލޭންޑް ނިކުންނާނީ އެޓީމުގެ ފެންވަރު ދެއްކުމަށެވެ. މުބާރާތުގައި ކުޅުނު ދެމެޗުން 1 ޕޮއިންޓް ހޯދާފައިވާ ސްލޮވޭނިއާއަށް އިންގްލޭންޑް ބަލިކޮށްގެން މުބާރާތުގެ ދެވަނަ އަށް ދިއުމުގެ ފުރުސަތު ފަހި ކުރެވޭނެއެވެ.
ސާބިއާ ބަލިކޮށްގެން ޑެންމާކްއަށް ގްރޫޕްގެ ދެވަނަ ލިބިދާނެ
ގްރޫޕްގެ ސްޓޭޖްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އޮތް ޑެންމާކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިރޭ އެބައޮތެވެ. ޑެންމާކްއަށް ސާބިއާ ބަލިކުރެވި އަދި އިންގްލޭންޑުން ސްލޮވޭނިއާ ބަލިކޮށްފިނަމަ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާނީ ޑެންމާކެވެ.