އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީންގެ ބަންދަށް ކޯޓުން މުއްދަތު ދީފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ، އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމްޑީ ރަކިބް ހޮސެން (25އ) އެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެމްޑީ ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކުރުމަށްފަހުއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.