މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައިި މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ބްރެޒިލްއާ ކޮސްޓާ ރީކާ ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެއެވެ.

ބްރެޒިލްއިން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު އިރު އެޓީމުން ވަނީ ކޮސްޓާ ރީކާގެ ގޯލަަށް ޖުމްލަ 15 ޝޮޓް ފޮނުވާލާފައެވެ. އެހެން ނަމަވެސް ކޮސްޓާ ރީކާގެ ގޯލަށް ސީދާ އަމާޒުވީ އެންމެ ތިން ޝޮޓެވެ.

ކޮސްޓާ ރީކާގެ ފަރާތުުން މިމެޗުގައި ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ އިރު އެޓީމުން ބްރެޒިލްގެ ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާލާފައެއް ނުވެއެވެ.

ބްރެޒިލްގެ ފޯވަޑް ވިނީސިއަސް ޖޫނިޔާ/ފޮޓޯ: އެކްސް

މެޗުގެ 30 ވަނަ މިނެޓްގައި ބްރެޒިލްގެ ޑިފެންޑަރު މާކީނޯސް ގޯލެއް ޖެހި ނަމަވެސް މިމެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ އެ ލަނޑު ކެންސަލްކޮށްފައެވެ. އެއަށް ފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ބްރެޒިލްއިން އުފެއްދި ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް މޮޅެއް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލްއިންނެވެ. އެހެން ނަމަވެސް ކޮސްޓާ ރީކާގެ ޑިފެންސް ފޫއަޅުވާލާ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެވޭނެ ގޮތެއް އެޓީމަކަށް ނުހޯދުނެވެ. މެޗު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުން އެއްވަރުވުމުން ބްރެޒިލް އަދި ކޮސްޓާ ރީކާއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ދެ ޓީމު ވެސް މިހާރު އޮތީ ގްރޫޕް ޑީގެ ލީޑަރު ކޮލަމްބިއާގެ ފަހަތުގައި ދެވަނައާ ތިން ވަނައިގައެވެ.