އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ކޮލަމްބިއާއާ ޕެރެގުއޭ ވާދަކުރި މެޗު 2-1 އިން ކޮލަމްބިއާ ކާމިޔާބުކޮށްފިއެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކޮލަމްބިއާއިންނެވެ. މެޗުގެ 32 ވަނަ މިނެޓްގައި މިއުނޯޒް އެޓީމަށް ޖަހާ ދިން މިލަނޑު އެސިސްޓްކޮށް ދިނީ ރިއާލް މެޑްރިޑްއަށް ކުރިން ކުޅުނު ކޮލަމްބިއާގެ ފޯވަޑް އަދި އެޓީމުގެ ކެޕްޓަން ހަމޭސް ރޮޑްރީގޭޒްއެވެ.

މިއީ ކޮލަމްބިއާގެ ޖާޒީގައި މުނޯޒް ޖަހާ ދިން ދެވަނަ ލަނޑު/ފޮޓޯ: އެކްސް

މިމެޗުގެ ފުރަތަމަ ހާފްގައި ރޮޑްރީގޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ އިރު މެޗުގެ 42 ވަނަ މިނެޓްގައި ކޮލަމްބިއާއިން ޖެހި ލަނޑު ވެސް އެސިސްޓްކޮށް ދިނީ އޭނާއެވެ. ކޮލަމްބިއާގެ ލީޑު ފުޅާކޮށް ދިން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލޭމާއެވެ.

ޖަމާސް ރޮޑްރީގޭޒް ވަނީ ފުރަތަމަ ހާފްގައި ޖުމްލަ ތިން ޗާންސް އުފައްދާ ދެ އެސިސްޓްކޮށްދީފައި/ފޮޓޯ:އެކްސް

މެޗުގެ ފުރަތަމަ ހާފް ކޮލަމްބިއާ ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ޕެރަގުއޭއިން ކުޅުން ވަރުގަދަ ކުރި އެވެ. އަދި މެޗުގެ 69 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހޫލިއޯ އެންސިއޯއެވެ. ޕެރަގުއޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އިތުރު ހަމަލާތައް އުފެއްދި ނަމަވެސް މެޗު ނިމުނީ 2-1 އިން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއާއެކު ކޮލަމްބިއާ ވަނީ ގްރޫޕް ޑީގެ އެއްވަނައަށް އަރާފައެވެ. މި ގްރޫޕްގައި ބްރެޒިލް އަދި ކޮސްޓާ ރީކާ ވެސް ހިމެނޭ އިރު އެދެ ޓީމު މިހާރު ކުޅެމުންދާ މެޗު އަދި އޮތީ 0-0 އިން އެއްވަރުވެފައެވެ.