ޔޫރޯ 2024 ގެ ގްރޫޕް އޭއިން ދެވަނަ ބުރަށް ދާ ދެ ޓީމު ރޭ ޔަގީންވެފައިވާ އިރު މިރޭ ގްރޫޕްގެ އެންމެ މޮޅު ދެ ޓީމު ކަނޑައެޅިގެން ދާނެއެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިންއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާ އިރު މިރޭ އެގްރޫޕްގައި ކުޅޭ ދެ މެޗުން ގްރޫޕްގެ ދެވަނައަށް ދާ ޓީމު އެނގޭނެއެވެ.
ގްރޫޕްގެ އެއްވަނަ ސްޕެއިން ބަލިކޮށްގެން އަލްބޭނިއާއަށް ދެވަނަ ބުރުގެ އުއްމީދު އެބައޮތް
މިމުބާރާތުގެ އެންމެ އުނދަގޫ ގްރޫޕް ކަމަށްވާ ގްރޫޕް ބީގައި ހިމެނޭ އެންމެ 'އާދައިގެ' ޓީމު ކަމަށްވާ އަލްބޭނިއާއަށް ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ދިޔަ އިރު ދެވަނަ ބުރުގެ ފުރުސަތެއް އޮތުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން އިޓަލީ ކޮޅަށް އަލްބޭނިއާއިން ލަނޑު ޖެހީ އެންމެ 23 ސުކުންތުންނެވެ. އެމެޗުން 2-1 އިން އަލްބޭނިއާ ބަލިވި ނަމަވެސް ޔޫރޯ މުބާރާތެއްގައި އެންމެ އަވަހަށް ލަނޑެއް ޖެހުމުގެ ރިކޯޑް މިވަނީ އަލްބޭނިއާ ހަދާފައެވެ. މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ވެސް އަލްބޭނިއާއިން ވަނީ ތަފާތު ދައްކާފައެވެ.
މިގޮތުން، ކްރޮއޭޝިއާ ކޮޅަށް ވެސް އަލްބޭނިއާއިން ފުރަތަމަ ލަނޑު ޖެހި އިރު އެޓީމުން ވެސް ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް އަލްބޭނިއާއިން މެޗުގެ 95 މިނެޓްގައި ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށް މުހިންމު ޕޮއިންޓެއް ހޯދިއެވެ.
ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފައިވާ އޮތް ސްޕެއިންއާ ދެކޮޅަށް އަލްބޭނިއާއިން މިރޭ ނިކުންނާނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދުމަށެވެ. މިމެޗުން މޮޅުވެގެން ލިބޭ ތިން ޕޮއިންޓާއެކު އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިކުރެވޭނެއެވެ. މިރޭގެ މެޗުން މޮޅުވެގެން ވެސް ގްރޫޕްގެ ދެވަނަ އަލްބޭނިއާއަށް ނުލިބުނަސް ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ކަނޑައަޅާފައިވާ 4 ޖާގައަށް އެޓީމަށް ވާދަކުރެވޭނެއެވެ.
ކްރޮއޭޝިއާ އަތުން އެއްޕޮއިންޓް ހޯދައިގެން ވެސް ޗެމްޕިއަން އިޓަލީއަށް ދެވަނަ ބުރަ ދެވޭނެ
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ އަދި އެއްވެސް މެޗަކުން މޮޅުވެފައި ނުވާ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ކްރޮއޭޝިއާއިން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އަތުން 3-0 ބަލިވި އިރު ދެވަނަ މެޗުގައި އަލްބޭނިއާ ކުޅޭ 2-2 އިން އެއްވަރުވި އެވެ.
އަނެއްކޮޅުން، އިޓަލީން ފުރަތަމަ މެޗުގައި 2-1 އިން އަލްބޭނިއާ ބަލިކުރި އިރު ދެވަނަ މެޗުގައި 1-0 އިން ސްޕެއިން އަތުން ވީ ބައްޔެވެ. މިރޭ ކްރޮއޭޝިއާއާ ކުޅޭ މެޗުން މޮޅުވެގެން ނުވަތަ އެއްވަރުވެގެން ވެސް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އިޓަލީއަށް ދެވަނަ ބުރަށް ދެވޭނެއެވެ. މިމެޗުން އިޓަލީ ބަލިވެ އަނެއް މެޗުން ސްޕެއިންގެ މައްޗަށް އަލްބޭނިއާއިން ކުރި ހޯދައިފިނަމަ އިޓަލީ މުބާރާތުން ކަޓާނެއެވެ.
ގްރޫޕްގެ ދެވަނަ ކްރޮއޭޝިއާއަށް ލިބޭނީ މިމެޗުން އެޓީމު މޮޅުވެ އަނެއް މެޗުން ސްޕެއިން މޮޅުވެއްޖެނަމައެވެ. މިމެޗުން އެއްވަރުވެއްޖެނަމަ ކްރޮއޭޝިއާ އަށް ދެވަނަ ބުރުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލޭނެއެވެ.
ގްރޫޕް ބީގެ ދެ މެޗުން އޮތީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާ އިރެވެ.