އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އުރުގުއޭއާ ޕެނެމާ ވާދަކުރި މެޗު 3-1 އިން އުރުގުއޭ ކާމިޔާބުކޮށްފިއެވެ.

މިމެޗުގައި އުރުގުއޭއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 16 ވަނަ މިނެޓްގައެވެ. ގޯލާ ދުރުން ޖެހި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެކްސިމިލާނޯ އަރޫހޯއެވެ.

އުރުގުއޭގެ ފުރަތަމަ ލަނޑު ޖަހާ ދިން އަރޫޙޯ/ފޮޓޯ: އެކްސް

އުރުގުއޭއިން މިމެޗުގައި ތިން ލަނޑު ޖެހި ނަމަވެސް އެޓީމުގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 85 ވަނަ މިނެޓްގައެވެ. ޕެނެމާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް އައި ބޯޅައެއް ބާރަށް ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިވަޕޫލަށް ކުޅޭ އުރުގުއޭގެ ފޯވަޑް ޑާވިން ނިއުނިއޭޒްއެވެ.

މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން އުރުގުއޭއިން ވަނީ އިތުރު ލަނޑެއް ޖަހާ ސްކޯ 3-0 އަކަށް ހަދާފައެވެ. މެޗުގެ 91 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ މަތާއަސް ވީނާއެވެ. މެޗު ނިމުމުގެ ކުރިން ޕެނަމާއިން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މިގޮތުން، މެޗުގެ 94 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ޖަހާ ދިނީ މުރީލޯއެވެ.

މިއަދުގެ ނަތީޖާއާއެކު އުރުގުއޭ މިވަނީ ގްރޫޕް ސީގެ ތާވަލުގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އޮތީ މި ގްރޫޕްގެ ފުރަތަމަ މެޗުން 2-0 އިން ބޮލީވިއާ ބަލިކުރި އެމެރިކާއެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު އުރުގުއޭ ކުރީގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.