މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގައި ހޯސްޓް ގައުމު އެމެރިކާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ އެމެރިކާ އެޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ބޮލީވިއާ ވާދަކޮށް 2-0 އިންނެވެ.

މިމެޗުގައި އެމެރިކާއިން މޮޅު ކުޅުމެއް ދެއްކި އިރު އެޓީމުން ވަނީ ޖުމްލަ 14 ޝޮޓެއް ބޮލީވިއާގެ ގޯލަށް އަަމާޒުކޮށްފައެވެ. އަދި މީގެ ތެރެއިން 8 ޝޮޓެއް ސީދާ ގޯލަށް އަމާޒުވި އިރު އެމެރިކާއިން ވަނީ މެޗު ފެށިތާ މާގިނަ އިރުތަކެއް ނުވެ މެޗުގެ ލީޑު ނަގާފައެވެ. މިގޮތުން، މެޗުގެ ތިން ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ކްރިސްޓިއަން ޕުލިސިކްއެވެ.

އެމެރިކާގެ ފުރަތަމަ ލަނޑު ޖަހާ ދިނީ ކެޕްޓަން ޕުލިސިކް/ފޮޓޯ: އެމެރިކާ

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމެރިކާއިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިގޮތުން، ޕުލިސިކް ދިން ޕާހެއް ބޮލީވިއާގެ ގޯލުގެ ކަނަށް ފޮނުވާލައިގެން މިލަނޑު އެމެރިކާއަށް ކާމިޔާބުކޮށް ދިނީ ފްލޯރިއަން ބްލޯގުންއެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް އެމެރިކާގެ ފަރާތުން މޮޅުކުޅުމެއް ފެނުނު ނަމަވެސް މިމެޗު ނިމުނީ 2-0 އިން އެމެރިކާ ކުރީގައި އޮވެގެންނެވެ.

މިއަދުގެ ނަތީޖާއާއެކު އެމެރިކާއަށް މިވަނީި ތިން ޕޮއިންޓް ލިބިފައެވެ. ގްރޫޕްގެ ސީގެ އަނެއް މެޗުގައި މިއަދު އުރުގުއޭއާ ޕެނަމާ ވާދަކުރި މެޗު ކާމިޔާބުކުރީ އުރުގުއޭއެވެ.