ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުން ކެޓި ދެވަނަ ޓީމަކަށް ސްކޮޓްލޭންޑްވެއްޖެއެވެ. ސްކޮޓްލޭންޑް މުބާރާތުން ކެޓީ މިރޭ ގްރޫޕް އޭގައި ކުޅުނު ފަހު މެޗުގައި ހަންގަރީ އަތުން 1-0 އިން ބަލިވުމުންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޖާމަނީ ވަނީ ފަހަތުން އަރާ ސުވިޓްޒަލޭންޑް ކޮޅަށް ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އެޓީމު ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު ހަންގަރީއަށް އަދި އެބައޮތް
ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުން 5-1 އިން ބަލިވެ ދެވަނަ މެޗުން 1-1 އިން އެއްވަރުވި ސްކޮޓްލޭންޑަށް މުބާރާތުގައި ދެމި ތިބެވޭނެ ހަމައެކަނި ގޮތަކީ މިރޭގެ މެޗުަގއި ސްކޮޓްލޭންޑް ބަލިކުރުމެވެ. އެހެން ނަމަވެސް އެޓީމަށް މިރޭގެ މެޗުގައި މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު ހަންގަރީގެ ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާލާފައެއް ނުވެއެވެ. ބަދަލުގައި ހަންގަރީއިން ސްކޮޓްލޭންޑްގެ ގޯލަށް 12 ޝޮޓް ފޮނުވާލި އިރު މީގެ ތެރެއިން 5 ޝޮޓް ސީދާ ގޯލާ އަމާޒުވިއެވެ.
މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ހަންގަރީއިން ޖެހީ މެޗުގެ 100 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ސޮބޯތްއެވެ. މިމެޗުގެ ދެވަނަ ހާފްގައި ހަންގަރީގެ ފޯވަޑް ބާނަބަސް ވާގާއާ ސްކޮޓްލޭންޑްގެ ކީޕަރު އަންގަސް ގަން ބޯޅައަށް ފުއްމާލި ގަޑީގައި އެކަކު އަނެކަކުގައި ވާގަސް އަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ. ދަނޑު މަތީގައި 7 މިނެޓް ވަންދެން އޭނާއަށް ފަރުވާ ދިން އިރު ހަންގަރީގެ މެޑިކަލް ޓީމުން އޭނާއަށް ފަރުވާ ދިނީ ވަށައިގެން ޝީޓުތަކެއް ދަމައިގެން ތިބެއެވެ. އަނިޔާގެ ސަބަބުން ވާގަސް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭނާ ރަނގަޅުވަމުން އަންނަ ކަމަށް ހަންގަރީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.
މި މެޗުން މޮޅުވުމުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ގްރޫޕްގެ ތިން ވަނަ ހޯދައިގެން ދެވަނަ ބުރުން ޖާގަ ލިބޭ ހަތަރު ޓީމުގައި ހިމެނުމުގެ ފުރުސަތު ހަންގަރީއަށް އަދި އެބައޮތެވެ.
ގްރޫޕް އެއްވަނަ ޖަމަނީއަށް
މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި ސުވިޓްޒަލޭންޑް ވަނީި ޖާމަނީ ކޮޅަށް މެޗުގެ 28 ވަނަ މިނެޓްގައި ލަނޑެއް ޖެހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ އެންޑޯޔޭއެވެ. މިއީ އޭނާ ސުވިޓްޒަލޭންޑްގެ ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
މިމެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ލިބޭނެ ކަން ސުވިޓްޒަލޭންޑަށް އެނގޭ އިރު އެޓީމުން މެޗުގެ ބާކީ ބައިގައި ދެއްކީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ 92 ވަނަ މިނެޓްގައި ޖާމަނީއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ނިކޮލަސް ފުލްކުރުކްއެވެ. މިއީ މިމުބާރާތުގައި ފުލްކުރުކް ޖަހާ ދިން ދެވަނަ ލަނޑެވެ. މިމެޗު 1-1 އިން ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު މި ނަތީޖާގެ ސަބަބުން ދެ ޓީމަށް ވެސް މިމެޗުން ލިބުނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖާމަނީ ދެވަނަ ބުރަށް ދިޔަ އިރު އެޓީމުން ދެވަނަ ބުރުގައި ވާދަކުރާނީ ގްރޫޕް ސީގެ ދެވަނަ ޓީމާއެވެ.
ސުވިޓްޒަލޭންޑުން ދެވަނަ ބުރުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ. އެގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް ދިޔަ އިރު ދެވަނަ ލިބޭނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް ކަމަށް ބެލެވެއެވެ.