ކޮޕާ އެމެރިކާ 2024 ގެ ގްރޫޕްގެ ދެވަނަ މެޗުގައި މެކްސިކޯއިން 1-0 އިން ޖެމައިކާ ބަލިކޮށްފިއެވެ.

މިމެޗުގައި މެކްސިކޯގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު އެޓީމުން ވަނީ ގިނަ ހަމަލާތަކެއް މެޗުގައި އުފައްދާފައެވެ. މިގޮތުން، އެޓީމުން ޖެމައިކާގެ ގޯލަށް އަމާޒުކޮށް ޖުމްލަ 15 ޝޮޓް ފޮނުވާލި އިރު މީގެ ތެރެއިން 9 ޝޮޓަކީ ސީދާ ގޯލަށް އަމާޒުވި ޝޮޓްތަކެވެ. އަދި މި މިމެޗުގައި ޖެމައިކާގެ ކީޕަރު ވަނީ މުހިންމު ގިނަ ސޭވްތަކެއް ކޮށްފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. އަދި ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޖެމައިކާއިންނެވެ. އެހެން ނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި އެންޓޯނިއޯ ޖަހާ ދިން މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ ނިންމާފައެވެ.

އެލަނޑަށް ފަހު މެޗުގެ 69 ވަނަ މިނެޓްގައި މެކްސިކޯއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޖިއާރްޑޯ އަރްޓިއޭގާއެވެ.

މެޗުގައި ދެ ޓީމަށް ވެސް އިތުރު ލަނޑެއް ނުޖެހުނު އިރު މިމެޗު ނިމުނީ 1-0 އިން މެކްސިކޯ ކުރީގައި އޮވެގެންނެނެވެ. މި ނަތީޖާއާއެކު މެކްސިކޯ މިވަނީ ގްރޫޕް ބީގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި އޮތީ ކުރިން ކުޅުނު މެޗުން 2-1 އިން އެކުއަޑޯ ބަލިކުރި ވެނަޒުއޭލާއެވެ.