އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ފަތިހު ޕެރޫ އާއި ޗިލީ ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެއެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗިލީންނެވެ. އެހެން ނަމަވެސް މި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ޕެރޫންނެވެ. މިގޮތުން އެޓީމުން ވަނީ ޗިލީގެ ގޯލަށް ޖުމްލަ 6 ހަމަލާއެއް ފޮނުވާލާފައެވެ. މީގެ ތެރެއިން 6 ހަމަލާއެއް ސީދާ ގޯލަށް އަމާޒުވިއެވެ. ޗިލީގެ ގޯލު ކީޕަރު ވަނީ މުހިންމު 4 ސޭވެއެއް ވެސްކޮށްފައެވެ.

ޗިލީއަށް މުޅި މެޗުގައި ޖުމްލަ 7 ހަމަލާ އުފެއްދުނު އިރު މީގެ ތެރެއިން ގޯލާ އަމާޒު ކުރެވުނީ އެންމެ ހަމަލާއެކެވެ. ޗިލީއިން މި މެޗުގައި 19 ފައުލް ކޮށްފައިވާ އިރު އެޓީމުގެ ތިން ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މިމެޗުގެ ނަތީޖާގެ ސަބަބުން ދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ. ގްރޫޕް އޭގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއެވެ. އެޓީމުން ވަނީ މުބާރާތް ހުޅުވުމަށް ކުޅުނު މެޗުގައި 2-0 އިން ކެނެޑާ ބަލިކޮށްފައެވެ.

ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ މެޗެއް ދެން އޮންނާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 3 ޖަހާ އިރު އަދި ފަތިހު 6 ޖަހާ އިރެވެ. ދަންވަރު 3 ޖަހާ އިރު ކުޅޭނީ ގްރޫޕް ބީއިން އެކުއަޑޯއާ ވެނަޒުވޭލާއެވެ. އަދި 6 ޖަހާ އިރު ކުޅޭނީ މެކްސިކޯ އަދި ޖެމައިކާއެވެ.