ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ފްރާންސް އާއި ނެދެލޭންޑްސް ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެއެވެ. މިއީ މިމުބާރާތުގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.

މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ އިރު ފްރާންސްގެ ފޯވަޑް އެންޓޯން ގްރިޒްމަންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު އިރު މި ހުރިހާ ފުރުސަތެއް ވީ ބޭކާރެވެ.

އަނެއްކޮޅުން، ނެދެލޭންޑްސްއިން ވަނީ މެޗުގެ ދެވަނަ ހާފްގައި ލަނޑެއް ޖަހާފައެވެ. ޒަވީ ސިމޯންސް ދުރުން ފޮނުވާލި ޝޮޓެއް ފްރާންސްގެ ގޯލުގެ ތެރެއަށް ވަތް ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ ގިނަ އިރު ތަކެއް ވަންދެން މި ލަނޑު ބަލާ އެންމެ ފަހުން އެލަނޑު ކެންސަލް ކޮށްފައެވެ. އެއީ ލަނޑުު ޖެހި އިރު އޮފްސައިޑްގައި ހުރި ނެދެލޭންޑްސްގެ ޑިފެންޑަރު ޑަމްފްރީޒް ފްރާންސްގެ ކީޕަރަށް ހުރަސް އަޅާ ކަމަށް ނިންމާއެވެ.

ނެދެލޭންޑްސްގެ ސިމޯންސް ޖެހި ލަނޑު ވީއޭއާރުން ވަނީ ކެންސަލްކޮށްފައި/ފޮޓޯ: އެކްސް

ރޭގެ މެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް ކޯޗު ޑިޑިއޭ ޑިޝޯމްޕް ނިންމީ އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނޭރުވުމަށެވެ. އެއީ ފްރާންސް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލިބުނު އަނިޔާއެއްގައި އެމްބާޕޭގެ ނޭފަތް ބިނދުމުގެ ސަބަބުން އެ އަނިޔާއިން އަދި ވެސް އޭނާ މުޅިން ރަނގަޅު ނުވާތީއެވެ.

މިމެޗު 0-0 އިން ނިމުނު އިރު ދެ މެޗު ކުޅެ މި ދެޓީމަށް ވަނީ ޖުމްލަ 4 ޕޮއިންޓް ލިބިފައެވެ. އަދި ރޭގެ ނަތީޖާގެ ސަބަބުން ގްރޫޕް ޑީގައި ކުރިން ކުޅުނު މެޗުގައި އޮސްޓްރިއާ އަތުން 3-1 އިން ބަލިވި ޕޮލެންޑް މިވަނީ މުބާރާތުން ކަޓާފައެވެ. ޕޮލެންޑަކީ ޔޫރޯ 2024 އިން ކެޓި ފުރަތަމަ ޓީމެވެ.