އެމެރިކާގައި ރޭ ފެށި ދެކުނު އެމެރިކާ އަދި އުތުރު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާ 2024 ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ކެނެޑާ ވާދަކުރި މެޗު އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕް ވެސް ކާމިޔާބުކުރި އާޖެންޓީނާ ރޭގެ މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. މިގޮތުން، އެޓީމުން ކެނެޑާގެ ގޯލަށް 15 ހަމަލާ ފޮނުވާލިއިރު މީގެ ތެރެއިން 8 ހަމަލާ ސީދާ ގޯލަށް އަމާޒުވެފައިވެއެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އާޖެންޓީނާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފް ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. މެޗުގެ 49 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޫލިއަން އަލްވަރޭޒްއެވެ.

މިމެޗުގައި މެސީ ވަނީ އެސިސްޓެއްކޮށް ދީފައި/ފޮޓޯ: އެކްސް

ދެން އާޖެންޓީނާގެ ލަނޑެއް ފެނުނީ މެޗު ނިމެންދަނިކޮށް 88 ވަނަ މިނެޓްގައެވެ. ކެޕްޓަން ލައިނަލް މެސީ ކެނެޑާގެ ޑިފެންސް ފޫއަޅުވާލާފައި ދިން ތްރޫ ބޯލެއް ގޯލުގެ ތެރެއަށް ވައްދާލީ ފޯވަޑް ލަޓޫރޯ މާޓިނޭޒްއެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ މިވަނީ ގްރޫޕް އޭގެ އެއްވަނައަށް އަރާފައެވެ. އާޖެންޓީނާއާ ކެނެޑާގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނީ ޗިލީ އަދި ޕެރޫއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅޭ ކޮޕާ އެމެރިކާ 2024 ގައި 16 ޓީމު ކުޅޭ އިރު މި މުބާރާތުގެ ފައިނަލް މެޗު އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.