ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ސްޕެއިން ކުޅުނު މެޗު 0-1 އިން ކާމިޔާބުކޮށްގެން ސްޕެއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އިރު އިޓަލީގެ ކެޕްޓަން އަދި ކީޕަރު ޖިއާންލުއީޖީ ޑޯނަރޫމާ ވަނީ މެޗުގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ވެސް މުހިންމު ތިން ސޭވެއް ކޮށްފައެވެ.

އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މިމެޗުގައި މުހިންމު ސޭވްތަކެއް ކޮށްފައި/ފޮޓޯ؛ އެކްސް

މެޗުގައިި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ހޯދީ ސްޕެއިނުންނެވެ. އެހެން ނަމަވެސް އިޓަލީން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު އިރު ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް އުފެއްދީ ސްޕެއިންނުންނެވެ.

އަދި މެޗުގެ 55 ވަނަ މިނެޓްގައި އެޓީމަށް ލަނޑެއް ޖެހުނު އިރު މިލަނޑު އިޓަލީގެ ގޯލަށް ވަނީ އެޓީމުގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީގެ ފައިގައި ޖެހިފައެވެ.

ސްޕެއިންގެ ލަނޑަށް ފަހު ވެސް ޗެމްޕިއަން އިޓަލީއަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު މިމެޗު ނިމުނީ 1-0 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ. މިއާއެކު ސްޕެއިން ވެގެން ދިޔައީ ޔޫރޯ 2024 ގެ ދެވަނަ ބުރަށް ދިޔަ ދެވަނަ ޓީމަށެވެ. މުބާރާތުގައި އެޓީމުން ދެ މެޗު ކުޅެ ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެން އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ.

މި ގްރޫޕުން ދެން ދެވަނަ ބުރަށް ދާނެ ޓީމެއް ޔަގީންވާނީ ގްރޫޕްގެ އެންމެ ފަހު މެޗުތައް ކުޅުމުންނެވެ. މިގޮތުން، އިޓަލީ ދެން ކްރޮއޭޝިއާއާ ކުޅޭ އިރު ސްޕެއިން ނިކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ.